ޚަބަރު

ކަދުރުގެ ޒަރިއްޔާއިން "ކޮރޯނާ ވައިރަސް" ޖެހޭކަމަށް ބުނާ ވާހަކަ ހަޤީގަތާ ޚިލާފު - އެޗްޕީއޭ


ނުދޮވެ ކަދުރު ބޭނުންކުރުމުގެ ސަބަބުން "މާސް ކޮރޯނާ ވައިރަސް" ޖެހޭކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާވާހަކަތަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޗްޕީއޭގެ ފަރާތުން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވަނީ ބަލިބަލި ޖެހޭ ގޮތާއި އޭގެ ޢަލާމަތްތަކާ އެހެނިހެން މައުލޫމާތު ސޯޝަލް މީޑިއާގައި ޙިއްސާކުރާއިރު އޭގެ ސައްހަކަން ޔަޤީންކުރުމަށް ޢާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މެދުއިރުމަތީގެ ޤައުމުތަކުން ފެތުރެންފެށި "މިޑިލް އީސްޓް ރެސްޕިރޭޓޮރީ ސިންޑްރޮމް" ކޮރޮނަވައިރަސް ފެތުރެނީ ޖަމަލުމަސް އަދި ކިރު ރަގަޅަށް ނުކައްކައި ބޭނުންކުރުމުންނާއި ޖަމަލުގެ ޒަރިއްޔާއިން ސީދާ އިންސާނުންނަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންސާނުންގެ މެދުގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް މިބަލި އެރުން އެއީ ވަރަށް މަދުން ފެންނަކަމެއްކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކަދުރު ނުދޮވެ ކެއުމުގެ ސަބަބުން މިބަލި ފެތުރޭކަން އެއްވެސް ހޯދުމަކުން މިހާތަނަށް ފެނިފައި ނުވަކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ބަލިބަލީގެ ކަންކަމުގައި ރަސްމީ ފަރާތްތައް ނޫން ފަރާތްތަކުން ފަތުރާ މިބާވަތުގެ މެސެޖުތައް ފަތުރަމުން ދިއުމުގެ ސަބަބުން ބައެއް ފަހަރު ޞައްޙަނޫން މަޢުލޫމަތު ޢާންމުންގެ މެދުގައި ފެތުރޭކަމަށާ، އެހެންކަމުން އެގޮތައް ކަންތައްނުކުރުމަށް ޢާއްމުންނަށް އިލްތިމާސްކުރާކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ހުމާއި ރޯގާއާއި ޑެންގީ ހުން ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރެއްކަމުން ހެލްތް މިނިސްޓްރީއާއި، އެޗްޕީއޭއިން ދަނީ މިކަމާބެހޭ މަޢުލޫމާތު މީޑިއާއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށް ފޯރުކޮށްދެމުންނެވެ.