ޚަބަރު

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޮޓެމެޓިކް ވެދަރ ސްޓޭޝަން ޤާއިމުކުރަނީ


މުޅި ރާއްޖޭގައި މޫސުމީ ވިއުގައެއް ޤާއިމްކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން، ފުރަތަމަ ވެދަރ ސްޓޭޝަން އިންސްޓޯލްކޮށްފައިވަނީ ކ.ދިއްފުށީގައެވެ. މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިރިއޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން މޫސާ ސަޢީދު ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމަށް ހަމަޖެހިފައިވަނީ ކ.ގުރައިދޫއާއި ގާފަރުގައި ކަމަށެވެ.

މިފަދަ ސްޓޭޝަންތައް ހަރުކުރުމުގެ ބޭނުމަކީ، މުޅި ރާއްޖޭގައި މޫސުމީ ވިއުގައެއް ޤާއިމްކޮށް، މޫސުން ކުރިއަށް ލަފާކުރާނެ ގޮތް ދެނެގަންނާނެ ޑާޓާ އެއްކުރުން ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި 25 ވެދަރ ސްޓޭޝަން ހަރުކުރުމަށް ހަމަޖެހިފައިވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެއިދާރާއިން ބުނީ، މިހާރު ވެދަރ ސްޓޭޝަންތައް ޤާއިމްކޮށްފައި ހުރީ އައްޑޫސިޓީއާއި ފުވައްމުލަކުގައި ކަމަށެވެ.