ޚަބަރު

ކުއޯނީ ޓްރެވަލް ޓްރެންޑް ރިޕޯޓް: ރާއްޖެ 15 ވަނަ ފަހަރަށް އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި ހޮވިއްޖެ


ދުނިޔޭގެ ނަންމަޝްހޫރު ޓުއަރ އޮޕަރޭޓަރ، ކުއޯނީއިން ހޮވާ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ޖެހިޖެހިގެން 15ވަނަ ފަހަރަށް ހޮވިއްޖެއެވެ.

ސުއިޒަލޭންޑުގެ ޓުއަރ އޮޕަރޭޓަރެއްކަމަށްވާ ކުއޯނީގެ ޓްރެވަލް ޓްރެންޑްސް ރިޕޯޓް 2018 ދަށްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާދަނީ ވަރަށް ހަލުވިމިނެއްގައި ކުރިއަރަމުންނެވެ. މިގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ރާއްޖެއަށް އިނގިރޭސިވިލާތުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.7 އިންސައްތަ އިތުރުވެފައިވާއިރު، މިއީ 2013ވަނަ އަހަރުން ފެށިގެން އާ 27 ރިސޯޓު ރާއްޖޭގައި ހުޅުވުމުގެ ސަބަބުން އައި ކުރިއެރުމެއްކަމަށް އެރިޕޯޓުގައިވެއެވެ. އަދި ރާއްޖެއަކީ ހުރިހާ ބާވަތެއްގެ ފަތުރުވެރިންނަށްވެސް ކަމުދާ މަންޒިލެއްގެ ގޮތުގައި ކުއޯނީގެ ރިޕޯޓުގައި ސިފަކޮށްފައިވެއެވެ.

މީގެއިތުރުން 2018-2019 ރާއްޖޭގައި އަލަށް 23 ރިސޯޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށާ، މީގެސަބަބުންވެސް ފަތުރުވެރިކަމަށް އިތުރުކުރިއެރުމެއް އަންނާނެކަމަށްވެސް ކުއޯނީގެ ޓްރެވަލް ޓްރެންޑްސް ރިޕޯޓްގައި ބުނެފައިވެއެވެ.

މި ލިސްޓުގެ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ އިތުރުން އެންމެ މަޤުބޫލު ހަނީމޫން ޑެސްޓިނޭޝަންގެ ޖާގަވެސް ރާއްޖެވަނީ ހޯދާފައެވެ. އަދި 3 ވަނައަށް އެންމެ މަޤުބޫލު ވެޑިން ޑެސްޓިނޭޝަންއާއި އެންމެ މަޤުބޫލު އާއިލީ ޑެސްޓިނޭޝަންގެ ލިސްޓުގެ އެންމެ ކުރީގައިވެސް ރާއްޖެވަނީ ހިމެނިފައެވެ. މިރިޕޯޓުގެ އެންމެ މަޤުބޫލު އާއިލީ ހޮޓެލްގެ ޖާގަވެސް ކަށަވަރުކޮށްފައިވަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކުރަމަތި މޯލްޑިވްސްއެވެ.

ކުއޯނީގެ ޓްރެވަލް ޓްރެންޑްސް ރިޕޯޓަކީ އެ ޓުއަރއޮޕަރޭޓަރ މެދުވެރިކޮށް ހަދާފައިވާ ބުކިންތަކާއި، ބުކިން ޕެޓާންސް އަދި އެންމެ ގިނައިން ފަތުރުވެރިން ޚިޔާރުކޮށްފައިވާ ތަންތަނުގެ ޑޭޓާ ހިމަނައިގެން ހަދާފައިވާ ރިޕޯޓެކެވެ.

މިރިޕޯޓުގައި މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އައި އަހަރެއްކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއަށް އަލަށް ތަޢާރަފްވެފައިވާ ގެސްޓް ހައުސް ވިޔަފާރި ކުރިއަރާ ފުޅާވަމުންދާ ގޮތްވެސް މިރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.