ޚަބަރު

މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ބުރިޖް މެދުވެރިކޮށް ގުޅާލުމަށް ޗައިނާގެ އެޗްއީސީ ކުންފުންޏަށް


މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ބުރިޖް މެދުވެރިކޮށް ގުޅާލުމަށް އެމްޑަބްލިއުއެސްސީން ޗައިނާގެ ހާބަރ އިންޖީނިއަރިން ކޮމްޕެނީ އެޗްއީސީ އާއި ހަވާލުކޮށްފިއެވެ. ފެން ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އެމްޑަބްލިއުއެސްއީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުއެވެ. ޗައިނާގެ ހާބަރ އިންޖީނިއަރިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެގްޒެކެޓިވް ޖެނަރަލް މެނޭޖާރ ޒެންގް ނަން ހައި. ޗައިނާގެ ހާބަރ އިންޖީނިއަރިން ކޮމްޕެނީ މި މަސައްކަތް ހަވާލުކޮށްފައިވަނީ 1.6 މިލިއަން ޑޮލަރަށެވެ.

މި އެއްބަސްވުމުގެ ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ބަލްކް ސްޓޯރޭޖް އެންޑް ޕްރޮޑަކްޝަން ސެންޓަރެއް ޤާއިމުކުރެވޭނެކަމަށާއި މި މަސައްކަތް ނިމުމުން މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެނުގެ ހިދުމަތް އެއްވެސް ދަތިތަކެއް ނެތި ލިބިގެންދާނެކަމަށެވެ. އަދި ނިޒާމު ގާއިމުކުރަން ބޭނުންވާ ސަމާނު މިހާރު ގެނެސްފައިވާކަމަށާއި ބުރިޖްގެ ތަނބުތައް ގުޅުވާލުމުން ފެން ހޮޅި އެޅުމުގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

" މީގެތެރޭގައި އަޅުގަނޑުމެން މި ޕްރޮވައިޑް ކޮށްދެނީ ހަމައެކަނި ޕައިޕް. އޭގެ އިތުރުން ހުރިހާ މެޓީރިއަލްއެއްގައި މި ފަރާތުން މި މަސައްކަތްކޮށް ނިންމާނެ. މަސައްކަތައް ބޭނުންވާ ބޯލްޓާއި އަދި އޭގެ އިތުރުން މަސައްކަތް ރީތިކުރުމަށް ނުވަތަ ޕައިޕްލައިންގެ ޑިޒައިން ރީތިކުރުމަށް އަޅުގަނޑުމެން މި ކުރިއަށް ގެންދާ އެސްތެޓިކް ވިއުގެ މަސައްކަތްތައްވެސް ހަމަ މި ކޮންޓްރެކްޓްގެ ދަށުން އެބޭފުޅުން އެކަން ކުރާނެ " ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މާލެ އާއި ހުޅުމާލެ ފެނުގެ ނިޒާމުން ގުޅާލުމަށް ދެން މާގިނަ ދުވަސްތަކެއް ނުނަގާނެކަމަށާއި ބްރިޖްގެ މަސައްކަތް ނިމިގެންދާއިރު ފެން ހޮޅިތައް އެޅުމުގެ މަސައްކަތް ނިމެނޭކަމަށެވެ.

" އުއްމީދަކަށް މިވަނީ ބްރިޖު ހުޅުވޭއިރު މިމަސައްކަތް ނިންމާފައި އޮތުން. މާނައަކީ ފަހުގެ ތާރީޙެއްގައި މިމަސައްކަތްކުރަން ނުޖެހުން. އެހެންވީމަ އަދި ސީދާ މިވެނި ވަގުތެއްގައޭ މަސައްކަތް ފަށާނީ އެހެން ދަންނަވަން ދަތި. ދެން ހަމަ އެބޭފުޅުން ރާވައިގެން ކުރިއަށްގެންދަވާނީ. ދެން އުއްމީދަކީ މި ހުރިހާ ތަނބުތަކެއް ގުޅި ބުރިޖު ހުޅުވިގެންދާއިރު މި މަސައްކަތްވެސް ނިމިގެން ދިޔުން" އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑް ޝިޕް ބްރިޖްގެ މަސައްކަތްކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ ތަންބުތައް ގުޅުވާލުމުގެ މަސައްކަތެވެ. މި މަސައްކަތް އަންނަ ޖުލައި މަހުގެ 9ގައި ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ އަދި ސެޕްޓެންބަރުމަހަށް ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.