ޚަބަރު

އަރަބި ކަނޑުގައި އުފެދުނު ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެ - މެޓް އޮފީސް


ޢަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށާއި އެހެންނަމަވެސް ބާނި ބޮޑުވެ ކުރިއަށް އޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވެ މިިދިޔަ އަންގާރަދުވަހު ތޫފާނަކަށް ބަދަލުވެފައިވާކަމަށެވެ. އަދި މި ތޫފާނަށް ދީފައިވާ މެކުނު މި ނަމަކީ ރާއްޖެއިން ހުށައަޅާފައިވާ ނަމެއްކަމަށާއި މި ތޫފާނު މިހާރު ހުރީ ރާއްޖޭގެ ހުޅަނގުން އުތުރުން ގާތްގަޑަކަށް 2050 ކިލޯ މީޓަރު ދުރުގައިކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ތޫފާން މެކުނު ކުރިއަށް އޮތް 06 ގަޑިއިރު ތެރޭގައި އިތުރަށް ބާރުގަދަވެ އަންނަ ހޮނިހިރު ދުވަހު ހެނދުނު، އޮމާން އާއި ޔަމަން ގުޅޭ ސަރަޙައްދުގެ އައްސޭރި ހުރަސްކުރާނެކަމަށް ލަފާކުރެވޭކަމަށާއި މިތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަކަށް ލަފާނުކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މުސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބަށް ވިއްސާރަކޮށް ކަނޑުގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުފަތުރު ކުރާ ފާރާތްތަކާއި އާއްމު ރައްޔިތުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފައެވެ .މިގޮތުން ކ އަތޮޅުން ފެށިގެން ލ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 12:45 ކުން ފެށިގެން ހަވީރު 4:45 ކަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ. މިގޮތުން ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 07 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.