ކުޅިވަރު

ޕާކިސްތާނުން ރާއްޖެއަށް 800 ފުޓްބޯޅަ ހަދިޔާކުރައްވައިފި


ޕާކިސްތާން ސަރުކާރުން ރާއްޖެއަށް 800 ފުޓުބޯޅަ ހަދިޔާ ކުރައްވައިފިއެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވެވި ބައްދަލު ވުމުގައި ޕާކިސްތާންގެ ފަރާތުން ރާއްޖެއަށް ފުޓްބޯޅަ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަޔެދު ޚަވާރް އަލީ ޝާހްއެވެ. ރާއްޖޭގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްއެވެ.
މި ރަސްމިއްޔާތުގައި ދެ ޤައުމުން ވަނީ ރަމްޒީ ބޯޅައެއްގައި ސޮއިކުރައްވާފައެވެ. ސޮއިކުރެއްވުމަށްފަހު ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ޕާކިސްތާނުން ރާއްޖޭގެ ކުޅިވަރަށް އަބަދުވެސް ވެދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ލިބޭ މިފަދަ އެހީ ތަކަކީ ކުޅިވަރު އާލާ ކުރުމަށް ހިތްވަރު ލިބޭ އަދި ހިތްވަރާއެކު މަސައްކަތްކުރުމަށް އެހީތެރިވެދޭ ކަންކަން ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއާ ޕާކިސްތާނާ ދެމެދެ އޮންނަ ގާތް ގުޅުމުގެ ސިއްރަކީ ޕާކިސްތާނާމެދު ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމިން އަބްދުލް ޤައްޔޫމް ބާއްވަވާ ގާތްކަމުގެ ނަތީޖާކަން ފާހަގަ ކުރެއްވިއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ކުޅިވަރަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށްވެސް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއާ ޕާކިސްތާނާމެދު އޮންނަނީ އަޚުވަންތަކަމުގެ ގުޅުމެއް ކަމަށާއި، ރާއްޖެއާއި ޕާކިސްތާނަކީ ސަޤާފަތާއި ދީނަށް ބެލިއަސް ވަރަށް އެއްކަހަލަ ދެ ޤައުމު ކަމަށް ވިދާޅުވިއެވެ. ފާއިތުވި ފަސް އަހަރު ތެރޭގައި ރާއްޖެއަށް އައިސްފައިވާ ތަރައްޤީ ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ބައެއް ދާއިރާތަކުން ރާއްޖެ އުޅެނީ ޕާކިސްތާނަށްވުރެވެސް ކުރީގައިކަމަށެވެ. ސަފީރު ވިދާޅުވީ ކުޅިވަރުގެ ދާއިރާގައިވެސް މިފަދަ ކުރިއެރުންތަކެއް ހޯދަންޖެހޭ ކަމަށާއި، ރާއްޖެއަށް ލިބޭ ކޮންމެ ކުރިއެރުމަކަށް ޕާކިސްތާނުން އެއްބާރުލުން ދެއްވާނެކަމަށެވެ.