ޚަބަރު

ބުރު އަތުން ހޯދި ފަސޭހަ މޮޅާއެކު، ނިއުއަށް ރަނގަޅު ފެށުމެއް


އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބާއްވާ ކަޕް ވިނާސް ކަޕުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބް އަތުން ފަސޭހަ މޮޅެއް ހޯދާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ކަޕް ވިނާސް ކަޕް އެންމެ ފަހުން ކުޅުނީ މީގެ 18 އަހަރު ކުރިން 2008 ވަނަ އަހަރުގައެވެ. އެ ފަހަރުގެ މުބާރާތުގައި ވެސް ނިއުރޭޑިއަންޓް ވަނީ ކުޅެފައެވެ. އެކަމަކު ބުރަކީ މި މުބާރާތައް އައު ޓީމެކެވެ.

މި ފަހަރުގެ މުބާރާތް ރޭވިފައި އޮތް ގޮތުން މި މުބާރާތުގައި ކުޅޭނީ އެންމެ ފަހުން ބޭއްވި ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ ނިއު އާއި ބުރުގެ އިތުރުން ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބެވެ. މީގެ ކުރިން ކަޕް ވިނާސް ކަޕް ކުޅެފައިވަނީ ހަމައެކަނި ނިއުއިންނެވެ.

ހޯމަ ދުވަހު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިއުއިން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ 20 ވަނަ ސިކުންތުގައި ނިއުއަށް ލީޑު ނަގައިދިނީ މި ސީޒަނަށް ނިއުއިން ގެނައި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ނިއުރޭޑިއަންޓްގެ މޫސާ ޔާމީން ނަގައިދިން ހުރަހެއް މުޅިން ހުސްކޮށްހުރެ ގޯލަށް ވައްދައިލައިގެން ޑޮރިއެލްޓަން ކާމިޔާބުކުރި ގޯލެކެވެ. މި ލަނޑަށްފަހު ވެސް ޑޮރިއެލްޓަން އަށް ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުގެ ތޯއިފް ގާސިމް ލަނޑު ޖެހިނަމަވެސް ރެފްރީ ވަނީ އޭނާ ގޯލުޖެހިއިރު، ހުރީ އޮފްސައިޑްގައި ކަމަށް ނިންމާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ނިއުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 60 ވަނަ މިނިޓްގައި ޑޮރިއެލްޓަން ވަނީ އިތުރު ގޯލެއް ޖަހައި ނިއުއަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން ޑޮރިއެލްޓަން ވަނީ ނިއުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ނިއުގެ ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. އަދި ނިއުއިން ޖެހި ފަހު ލަނޑު މެޗުގެ 73 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ އަބްދުލައި ބިލިޓީއެވެ.

މި މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅޭނެއެވެ. މިރޭގެ މެޗުގައި މާޒިޔާއިން ނުކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.