ޚަބަރު

ހަމަހަމަ އުސޫލެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ހަރުދަނާކުރަންޖެހޭ - ޑރ ހާލާ ހަމީދު


ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ އުސޫލަކުން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރަންޖެހޭކަމަށް ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ.ޙާލާ ޙަމީދު ވިދާޅުވެއްޖެއެވެ.

ޑރ.ހާލާ މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ސުއިޒަލޭންޑުގެ ޖެނީވާގައި ކުރިޔަށްގެންދާ ވޯލްޑް ހެލްތް އެސެންބުލީގެ 71ވަނަ ބައްދަލްވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައެވެ. މިއަހަރު ވޯލްޑް ހެލްތް އެސެންބްލީގައި ބައިވެރިވާ ރާއްޖޭގެ ވަފުދު ލީޑްކުރައްވަނީ ޑރ.ޙާލާއެވެ.

ވޯލްޑް ހެލްތް އެސެންބުލީގެ ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނަކީ "ހެލްތް ފޮރ އޯލް: ކޮމިޓް ޓު ޔުނިވާރސަލް ހެލްތް ކަވަރޭޖް" މި މަޢުޟޫޢަށް ދެއްވި ބަޔާނެކެވެ.

ޑރ.ޙާލާވަނީ ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއްކަމުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތައް ޙާޞިލްކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހުރިހާ ރަށްރަށަށް ހަމަހަމަ އުސޫލެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭކަން ޑރ.ޙާލާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ޑަބްލިއުއެޗްއޯގެ މެންބަރު ޤައުމުތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޑރ.ހާލާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޖެނީވާގައި ކުރިޔަށްދާ ވޯލްޑް ހެލްތް އެސެންބްލީގައި 194 މެންބަރު ޤައުމަކުން ބައިވެރިވަމުންދާއިރު، މިއެސެންބްލީ މިމަހުގެ 26 ގެ ނިޔަލަށް ކުރިޔަށްދަނެއެވެ. މިއަހަރުގެ އެސެންބްލީގައި ޑަބްލިއުއެޗްއޯގެ 13ވަނަ ޖެނެރަލް ޕްރޮގްރާމް އޮފް ވޯކް، ޖީޕީޑަބްލިއު ފާސްކުރުމަށްހަމަޖެހިފައިވެއެވެ. ޑަބްލިއުއެޗްއޯގެ 13ވަނަ ޖީޕީޑަބްލިއުއަކީ 2019 އިން 2023ވަނަ އަހަރަށް އެޖަމްޢިއްޔާއިން ޤައުމުތަކުގައި ހިންގާ ކަންކަމުގެ ތެރެއިން ހާސިލްކުރުމަށް ކަޑައެޅިފައިވާ މަސައްކަތތްތަކާ، ބަޖެޓުގެ ތަފްސީލް ހިމެނޭ ޕްލޭނެވެ.