ޚަބަރު

ޑރ މަޖީދު ފަސްދާނުލައިފި



ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލުމުވެރިޔާ ޑރ އަބްދުލްމަޖީދު އަބްދުލްބާރީ ޖަނާޒާ ބާއްވައިފިއެވެ. މިއަދު މެންދުރު ނަމާދަށްފަހު ޑރ މަޖީދުގެ ޖަނާޒާ ބާއްވާފައިވަނީ ސްރީލަންކާގެ ޖަވާތާ މުސްލިމް ގަބުރުސްތާނުގައެވެ. މި ޖަނާޒާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމު އަލީ ސައީދާއި ޑރ މަޖީދުގެ އައިލާގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިފައެވެ.

ޑރ މަޖީދު ލަންކާގައި ފަސްދާނުލައިފައިވާއިރު ޑރ މަޖީދުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ އިތުރުން ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގެ ހުކުރުކުރާ މިސްކިތުގައި އޮންނާނެއެވެ. ޑރ މަޖީދަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރުމުގެ ގޮތުން ހެޔޮއެދޭ ވީހާވެސް ގިނަ ބަޔަކު ކަށު ނަމާދުގައި ބައިވެރިވުމަށް އާއިލާއިން އެދެއެވެ.

ޑރ މަޖީދުގެ ދަރިކަލުން އަހުމަދު ފިރާސް ވިދާޅުވީ ބައްޕާފުޅުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ މަޣްރިބް ނަމާދަށް ފަހު، މައްކާގެ މަސްޖިދުލް ހަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީގެ އިތުރުން ތާއިފްގެ މިސްކިތުގައި އޮންނާނެކަމަށެވެ. އަދި ޑރ މަޖީދުގެ މައްޗަށް އިނގިރޭސި ވިލާތުގައި ހުންނަ ކެންޓަބަރީ މިސްކިތުގައި މިރޭގެ އިޝާ ނަމާދަށް ފަހު ޣައިބުގައި ކަށު ނަމާދުކުރުން އޮންނާނެކަމަށްވެސް ފިރާސް ވިދާޅުވިއެވެ.

ހާލު ސީރިއަސްވެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށް ޑރ މަޖީދު އަވަހާރަވެފައިވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ޑރ އަބްދުލްމަޖީދު އަބުދުލްބާރީ އަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރކަން ކުރެއްވި ޑރ މަޖީދަކީ ތަފްސީރު އިލުމުން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ކީރިތި ޤުރުއާނާއި މަރުކަޒު އުފެއްދުމުން އެ މަރުކަޒުގެ ފުރަތަމަ ރައީސްކަންވެސް ކުރައްވާފައިވަނީ ޑރ މަޖީދު. ޑރ މަޖީދު އަވަހާރަވިއިރު އެމަނިކުފާނު ހުންނެވީ އަދާލަތު ޕާޓީގެ އިލްމެވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.

ޑރ މަޖީދަކީ ޤުރުއާނާގެ އިލްމު ފެތުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. އަދި ސިޔާސީ ދާއިރާގެވެސް ޑރ މަޖީދަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 55 އަހަރުއެވެ. ޑރ މަޖީދު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުލްޔާމީން އަބުދުލްޤައްޔޫމްވަނީ ޑރ މަޖީދުގައި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސްގެ މެސެޖްގައި ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިނަވްރުކޮށްދެއްވާ މި ހިތާމަވެރި ވަގުތުގައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.