ޚަބަރު

ސާއިރޫން އިއްތިހާދުގެ މަންދޫބުންނާ އެމެރިކާރިން މަޝްވަރާކޮށްފި


އިރާޤުގައި މި މަހު ބޭއްވި ޢާއްމު އިންތިޚާބުގައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ހޯދި ސިޔާސީ އިއްތިހާދުގެ މެމްބަރުންނާ އެމެރިކާއިން ބައްދަލުކޮށްފައިވާކަމަށް ރޮއިޓަރސްއިން ރިޕޯޓްކޮށްފިއެވެ.

އިރާޤުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދާފައިވަނީ އެ ޤައުމުގެ އިމާމު މުޤްތަދާ އައް ޞަދްރު އިސްކޮށް ހުންނަވާ އިރާޤުގެ ސާއިރޫން އިއްތިހާދުންނެވެ. ރޮއިޓަރސްއާ ވާހަކަދައްކަވަމުން ޞަދްރްގެ އިސް މުޝީރު ދިޔާ ޢަލް އަސާދީ ވިދާޅުވީ، އިންތިޚާބުގައި ކާމިޔާބު ހޯދި ސާއިރޫން އިއްތިހާދުގެ މެމްބަރުންނާއި، އެމެރިކާއިން ސީދާ ބައްދަލުކޮށްފައި ނުވިނަމަވެސް އެ ޤައުމުން ވަނީ ތިންވަނަ ފަރާތެއްގެ އެހީގައި ދެ ފަރާތުގެ މެދުގައި މުވާސަލާތީ ގުޅުންތައް ޤާއިމުކޮށްފައިކަމަށެވެ.

އެމެރިކާއިން ބޭނުންވަނީ އިރާޤުގައި ސަރުކާރު ޤާއިމުކުރުމުގައި ޞަދްރްގެ އިއްތިހާދުން ނިންމާނެ ނިންމުންތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިރެއްގައި ޞަދްރްގެ އިއްތިހާދަކީ ސިޔާސީ ގޮތުން ހަރަކާތްތެރި އިއްތިހާދެއްކަމުގައިވީނަމަވެސް، އިރާޤުގެ ރަސްމީ ސަލާމަތީ ބާރުތައް ނޫން އެހެން އަސްކަރީ ފައުޖުތަކެއް އެ އިއްތިހާދުން ހަރަކާތްތެރިނުކުރާނެކަމަށެވެ.

މޭ މަހުގެ އިންތިޚާބުގައި ޞަދްރު ވާދަކުރައްވާފައި ނުވާތީ އިރާޤުގެ ބޮޑުވަޒީރުކަން އޭނާއަށް އަދައެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި އިއްތިހާދުގެ އިސްވެރިޔާގެ ހައިސިއްޔަތުން ބޮޑު ވަޒީރު ކަމާ ދެން ހަވާލުވެވަޑައިގަންނަވާނެ ބޭފުޅެއް ނިންމެވުމުގެ އިޚުތިޔާރު ޞަދްރަށް ލިބިވަޑައިގަންނަވާނެއެވެ.