ޚަބަރު

ޓްރަމްޕާއި ކިމްގެ ބައްދަލުވުމާމެދު ސުވާލު އުފެދިފައި


އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު، ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ނުބޭއްވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައި ވަނީ އެ ޤައުމަށް މިހާރު ދަތުރުކުރައްވަމުން ގެންދަވާ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިންއާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައަށް މި އަހަރު ހައްލެއް ހޯދޭނެ ކަމަށް ވަނީ ބެލެވިފައެވެ. މި ކަމުގައި މިހާތަނަށް އެޅުނު އެންމެ މުހިއްމު ފިޔަވަޅަކީ، އުތުރު ކޮރެއާގެ ޒަޢީމު ކިމް ޖޮން އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިންއާ ދެމެދު މިދިޔަ އޭޕްރިލް މަހު ބޭއްވި މަޝްވަރާއެވެ. މި މަޝްވަރާގައި ދެބޭފުޅުން ވަނީ ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އެކަށިގެންވާ މަސައްކަތްތައް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ދެން އެންމެ ގިނަ ފަރާތްތަކުން އިންތިޒާރު ކުރަމުން ދިޔައީ، އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚީ ސަމިޓަށެވެ. ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ވެގެންދާނީ އެމެރިކާގެ ވެރިކަމުގައި ހުންނެވި ރައީސަކާއި އުތުރު ކޮރެއާގެ ޒަޢީމަކު ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށެވެ.

އެހެންނަމަވެސް، ހުސްވި ހަފުތާގައި އުތުރު ކޮރެއާއިން މިވަނީ މި ބައްދަލުވުން ބޭއްވިދާނެކަމާމެދު ސުވާލު އުފައްދާފައެވެ. އުތުރު ކޮރެއާއިން ވަނީ އެއްވެސް ޝަރުތަކާ ނުލައި އުތުރު ކޮރެއާގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އެމެރިކާއިން އެ ޤައުމަށް ބާރު އަޅާނަމަ އުތުރު ކޮރެއާއިން މި ބައްދަލުވުމުގައި ބައިވެރި ނުވާނެކަމުގެ އިންޒާރުދީފައެވެ. އުތުރު ކޮރެއާގެ މި އިންޒާރަށް ފަހުވެސް މި ބައްދަލުވުން ކުރިއަށްދާނެކަމުގެ އުއްމީދު އޮތްކަމަށް އެމެރިކާއިން ބުނިނަމަވެސް އެމެރިކާގެ ރައީސް މިވަނީ މި ތާރީޚީ ބައްދަލުވުންތައް ކުރިއަށް ނުދާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ.

މި ގޮތުން އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިންއާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަކަށް ހަމަޖެހިފައިވާ ބައްދަލުވުން އެ ތާރީޚުގައި ކުރިއަށްނުދިއުމަކީ އެކަށިގެންވާ ކަމެއްކަމަށެވެ. މި ބައްދަލުވުން ބޭއްވޭނެކަން ނުވަތަ ނޫންކަންވެސް ވަރަށް އަވަހަށް ހާމަކުރާނެކަމަށް، ޓްރަމްޕް ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ އުތުރު ކޮރެއާއަށް މޮޅު ޤައުމަކަށްވުމަށް ލިބިގެންދާ ފުރުޞަތެއް ކަމަށާއި އުތުރު ކޮރެއާއިން މި ފުރުޞަތުގެ އެންމެ ފުރިހަމަ ބޭނުން ހިފަން ޖެހޭނެކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މޫން ވަނީ، އުތުރު ކޮރެއާއިން އެމެރިކާއާއެކު މަޝްވަރާކުރަން ބޭނުންވާ ކަމުގެ ޔަޤީންކަން އުތުރު ކޮރެއާގެ ޒަޢީމް ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. ދެކުނު ކޮރެއާގެ ރިޔާސީ އޮފީހުން ބުނެފައިވަނީ ދެކުނު ކޮރެއާގެ ރައީސް ވަނީ މިކަމުގައި އުތުރު ކޮރެއާއިން ގެންގުޅޭ ސިޔާސަތުތަކާ ބެހޭ އިތުރު މަޢުލޫމާތު ޓްރަމްޕް ދެއްވާފައި ކަމަށެވެ. އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައިވާނަމަވެސް އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ އެ ޤައުމުން ދަނީ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ބައްދަލުވުމަށް ތައްޔާރުވަމުން ކަމަށާއި، މި ތައްޔާރީތައް ކުރިއަށް ދާނެކަމަށެވެ.