ޚަބަރު

ޑރ މަޖީދު އަވަހާރަވެއްޖެ


ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލުމުވެރިޔާ ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވެއްޖެއެވެ. މަޖީދު އަވަހާރަވީ ހާލު ސީރިއަސްވެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށެވެ.

ޑރ އަބްދުލް މަޖީދު އަބުދުލް ބާރީ އަކީ ރާއްޖޭގެ ފުރަތަމ އިސްލާމިކް މިނިސްޓަރުއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރކަން ކުރެއްވި ޑރ މަޖީދަކީ ތަފްސީރު އިލުމުން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ކީރިތި ޤުރުއާނާއި މަރުކަޒު އުފެއްދުމުން އެ މަރުކަޒުގެ ފުރަތަމަ ރައީސްކަންވެސް ކުރައްވާފައިވަނީ ޑރ މަޖީދެވެ. ޑރ މަޖީދު އަވަހާރަވިއިރު އެމަނިކުފާނު ހުންނެވީ އަދާލަތު ޕާޓީގެ އިލްމެވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.
ޑރ މަޖީދަކީ ޤުރުއާނާގެ އިލްމެ ފެތުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ސިޔާސީ ދާއިރާގެވެސް ޑރ މަޖީދަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 55 އަހަރުއެވެ.

ޑރ މަޖީދު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުލް ޔާމީން އަބުދުލް ޤައްޔޫމްވަނީ ޑރ މަޖީދުގައި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސްގެ މެސެޖްގައި ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުކަމަށެވެ. އަދި އެ މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިނަވްރުކޮށްދެއްވާ މި ހިތާމަވެރި ވަގުތުގައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

މަރުޙޫމް ޑރ.މަޖީދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށްފަހު ސްރީލަންކާގެ ކޮލަމްބޯގެ ކޮލަމްބޯ ހަތަރެއްގެ ޖަވާތާ މުސްލިމް ބަރިއަލް ގްރައުންޑުގައި ކަމަށް އާއިލާއިން ބުނެއެވެ. އަދި މަރުޙޫމުގެ މޫނުދެއްކުން އޮންނާނީ މާދަމާ ހެނދުނު ދިހަޔަކުން ފެށިގެން ކަމަށްވެސް އާއިލާއިން މަޢުލޫމާތުދޭ. މީގެ އިތުރުން މަރުޙޫމް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މާދަމާ ރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. ވީހާވެސް ގިނަ ބަޔަކު ކަށު ނަމާދުގައި ބައިވެރިވުމަށް އާއިލާއިން ވަނީ އެދިފައެވެ.