ކުޅިވަރު

ވެލެންސިޔާ ފުރަތަމަ ޑިވިޝަންގައި ދެމި އޮންނާނެ - ލައްޗޭ


ވެލެންސިޔާ ފުރަތަމަ ޑިވިޝަންގައި ދެމި އޮންނާނެ ކަމަށް އެޓީމްގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުލް (ލަތީފް) ލައްޗޭ ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގައި ރޭ ހަތަރެއް ސުމަކުން ޓީސީ އަތުން ބަލިވެ، ގަދަ ހައެއްގެ އުއްމީދު ގެއްލުނު މެޗަށްފަހު ކުރީގެ ފޯވާޑް ބުނީ މެޗަށް ނިކުތީ ތައްޔާރުވެގެން ނަމަވެސް އަނިޔާގެ ގިނަ މައްސަލަތައް ކުރިމަތިވުމަކީ ބަލިވާން މެދުވެރިވި ސަބަބެއް ކަމަށެވެ. ކުޅުންތެރިންގެ ކުޅުން ރަނގަޅުކަން ފާހަގަ ކުރަމުން ލައްޗޭ ބުނީ މައްސަލަ އަކީ ކުޅުންތެރިން މި ފެންވަރުގައި ކުޅެން އާދަވެފައި ނެތުން ކަމަށާއި، މިކަމުގެ ސަބަބުން މެޗުގެ ފަހުކޮޅު ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ގެއްލެން ދިމާވާ ކަމަށެވެ. ވެލެންސިއާ ފުރަތަމަ ޑިވިޝަންގައި އޮންނަން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެމުން ކުރިން ވެލެންސިޔާގައިވެސް ކާމިޔާބީތަކެއް ހޯދި ފޯވާޑް ބުނީ ފުރުސަތު ކިތަންމެ ކުޑަ ނަމަވެސް ޕްރިމިއަރ ލީގަށް ދާންވެސް މަސައްކަތް ކުރާނެ ކަމަށެވެ.

މިއަދު މެޗަށްވެސް އަޅުގަނޑުމެން އައީ ވަރަށް ތައްޔާރުވެގެން އެކަމަކު ޓީމްގަ ބޮޑެތި އިންޖަރީތައްވެސް ގިނަ، ވަރަށް ރަނގަޅު ހިތްހަމަޖޭހޭ ކުޅުންތަކެއް ކުޅެމުން ގޮސް ފަހުވަގުތާ ޖެހޭއިރު ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ދަށްވަނީ, ވެގެން އުޅޭ ގޮތަކީ މި ކުޅުންތެރިންނަކީ މިވަރުގެ ޓަފް މެޗުތަކެއް ކުޅެން މާގިނަ ޗާންސްތަކެއް ދެވިފަވާ ކުޅުންތެރިންނަށް ނުވާތީ. ވެލެންސިއާ ފަސްޓް ޑިވިޝަންގަ ބޭއްވޭތޯ އަހަރުމެން ހުރިހާ މަސައްކަތެއްވެސް ކުރާނީ. " ވެލެންސިޔާގެ ކުރީގެ ފޯވާޑް ބުންޏެވެ.

ކާމިޔާބީއަށްފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، އާ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. ހެޓްރިކް ހެދި އިބްރާހިމް މަހުދީއަށް ކޯޗު ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ނިޒާމް ބުނީ މިހާރުގެ ހަމައެކަނި އަމާޒަކީ ޕްރިމިއަރ ލީގަށް ކޮލިފައި ވުންކަމަށެވެ.

" މުހިންމީ މެޗުން މޮޅުވުން، ތިން ޕޮއިންޓް ހޯދަން ޓީމް ނުކުތީ، ދެން އަލަށް ލައިގެން ނެރުނު ކުޅުންތެރިންގެ ފަރާތުން ފެނުނު ޕާފޯމެންސް، އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ. ކޮލިފައިވުން އެންމެ މުހިންމީ، ކޮލިފައިންގ އަށް ބޮޑަށް ފޯކަސް ކުރަނީ" ނިޒާމް ބުންޏެވެ.