ކުޅިވަރު

މަހުދީގެ ހެޓްރިކާއެކު، ވެލެންސިޔާ ބަލިކޮށް ޓީސީ 3 ވަނައަށް


އިބްރާހިމް މަހުދީ ހަސަންގެ ހެޓްރިކާއެކު ލީގުތާވަލުގެ ތިންވަނައަށް ޓީސީ ކުރިއަށް ޖެހިލައިފިއެވެ.

އެސްޓީއޯ މާލެ ލީގުގައި ވެލެންސިއާ ވާދަކޮށް 4-0 ލަނޑުން ޓީސީ ސްޕޯޓްސް ކްލަބް ކާމިޔާބުކުރި މެޗްގެ ހުރިހާ ލަނޑުތަކެއްވެސް ވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފްގައެވެ. 56 ވަނަ މިނެޓްގައި ލީޑް ނަގައިދީ 71 ވަނަ މިނެޓްގައި ލީޑް ފުޅާކޮށްދިނީވެސް ޓީސީގެ ފޯވާޑް އިބްރާހިމް މަހުދީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ މަހުދީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ވެލެންސިއާ ކުޅުންތެރިން ޕެނަލްޓީއޭރިއާ ތެރެއިން ޓީސީއަށް ޔާމިން އިބްރާހިމަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ޓީސީގެ ހަތަރުވަނަ ލަނޑު މެޗްނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ވިލިއަމްސްއެވެ.

އާ ތިން ކުޅުންތެރިންނާއެކު ޓީސީ ހޯދި ކާމިޔާބީއާއެކު އެޓީމް ތާވަލުގެ ތިންވަނައަށް ޖެހިލީ ޖުމްލަ 18 ޕޮއިންޓާއެކުއެވެ. ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އެންމެ ޕޮއިންޓަކާއެކު ވެލެންސިއާ އޮތީ ތާވަލުގެ ފުލުގައެވެ.