ޚަބަރު

"ވަރލްޑް ހެލްތު އެސެމްބްލީ" ގެ 71 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވަމުންއަންނަ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 71 ވަނަ ބައްދަލުވުން ސްވިޒްލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 194 މެންބަރު ޤައުމުން ވަނީ ބައިވެރިވެފައެވެ. މިމަހުގެ 21 އިން 26 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސިއްޙަތާއިބެހޭ ގޮތުން މުހިންމު ބައިނަލް އަޤުވާމީ ނިންމުންތައް ނިންމާނެއެވެ.
މިއަހަރުގެ މިބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްޞީލު ކުރާ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ.ޙާލާ ހަމީދެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މިއަހަރުގެ ހެލްތު އެސެމްބްލީގެ ނައިބު ރައީސުންގެ ތެރޭގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީ ޚަދީޖާ ޢަބްދުލް ޞަމަދު ޢަބްދުﷲ ވަނީ ހިމެނިފައެވެ.

މިއަހަރުގެ އެސެމްބްލީއާއި ގުޅުވައިގެން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންް މެއި މަހުގެ 20 ވަނަ ދުވަހު ޖެނީވާގައި ވަނީ "ވޯކް ދަ ޓޯކް"ގެ ނަމުގައި ހިނގާލުމަކާއިއެކު ހަރަކާތްތަކެއް ބާއްވާފައެވެ. މިހަރަކާތުގެ މައިގަޑު މަޤްސަދަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި ހެލިފެލިވެއުޅުން ކުރިއެރުވުމެވެ. މިހަރަކާތުގައި ދިވެހިރާއްޖޭގެ ވަފްދުންވެސް ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ބައްދަލުވުމުގައި ޤައުމުތަކުގެ ވަފުދުގެ އިސްބޭފުޅުން ތަޤުރީރު ކުރެއްވުމަށް ޚާއްސަ ކުރެވިފައިވާ މައުޟޫއަށް ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ.ހާލާ ހަމީދު ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާ ޕްލޭން މިއަހަރުގެ ހެލްތު އެސެމްބްލީގައި ހުށަހަޅާނެއެވެ. މި ޕްލޭންގައި ކުރިއަށްއޮތް އަހަރު ޞިއްޙީދާއިރާއިން ޚާއްޞަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ޞިއްޙީދާއިރާގެ އިމަރޖެންސީ ޙާލަތްތަކަށް އިތުރަށް ތައްޔާރުވުމަށް ޚާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ. މީގެ އިތުރުންވެސް ޞިއްޙީދާއިރާގެ މުހިންމު މައްސަލަތަކާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރާނެއެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީ ކުރިއަށްދާއިރު، ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްގެން ސައިޑް އިވެންޓެތައްް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މެލޭޝިއާ، ޗައިނާ، ތައިލޭންޑް، ނޭޕާލް އަދި ސައިޕްރަސްގެ ވަފްދާއި އެކު ދިވެހި ވަފްދު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލާއި ތެލެސީމިޔާ އިންޓަނޭޝަނަލް ފެޑެރޭޝަންއާއި ސްޓޮޕް ޓީބީ ފަދަ ޞިއްޙަތާއި ގުޅުންހުރި ޖަމިއްޔާތަކާއިއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.