 
										
			ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން ޓީޗަރުންނަށް ދޭ ޓެބްލެޓްތައް ހަވާލުކުރަން ފަށައިފިއެވެ. މިގޮތުން އެންމެ ފުރަތަމަ ޓެބްލެޓްތައް ހަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލްގެ މުދައްރިސުންނަށެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން ޓީޗަރުންނަށް ދޭ ޓެބްލެޓްތައް ހަވާލުކުރަން ފަށާފައިވަނީ އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި. މި ރަސްމިއްޔާތުގައި އެ ސްކޫލްގައި ހުރިހާ ޓީޗަރުންނާއި ޓެބްލެޓްތައް ހަވާލުކޮށްދެއްވީ    އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމްއެވެ. 
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭ ހުރިހާ ސްކޫލްތަކުގެ ޓީޗަރުންނާއި ޓެބްލެޓްތައް މި ހަފްތާގެ ތެރޭ ގައި ހަވާލުކޮށް ނިންމާނެކަމަށެވެ. އަދި އަންނަ ހަފްތާގައި އަތޮޅުތަކުގެ ސްކޫލްތަކުގެ މުދައްރިސުންނަށްވެސް ޓެބްލެޓްތައް ހަވާލުކުރަންފާށެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މުދައްރަިސުންނާ ޓެބްލެޓްތައް ހަވާލުކުރުމަށްފަހު ދަރިވަރުނަށްވެސް ހަވާލުކުރަންފާށާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިސްކަންދަރު ސްކޫލްގެ މުދައްރިސުންނާ ޓެބްލެޓްތައް ހަވާލުކޮށްދެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވަނީ ޑިޖިޓަލައިޒްކޮށް ކިޔަވައިދުނުމަށްޓަކައި މުދައްރިސުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔަކަން ފާހަގަކުރައްވާފައެވެ. މިގޮތުން ގޫގަލް ޓްރެއިނިން ކޯސްތައް  ރާއްޖޭގެ ހުރިހާ ސްކޫލެއްގެ މުދައްރިސުން  ފުރިހަމަކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އައިޝަތު ޝިހާމު ވިދާޅުވީ ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފަށާފައިވާއިރު ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިންޓަރނެޓް ރަނގޅަށް ލިބޭނެ އިންފްރާސްޓަރކްޗަރ މިހާރު ވަނީ ޤާއިމްކޮށް ނިމިފައިވާކަމަށެވެ.
" ކުދިންގެ ކުރިމަތީގައި  ޓެބްލެޓްތައް ބޭނުންކުރަން ފަށާއިރު  ޓީޗަރުން އިތުބާރާއެކު އެ ބޭނުންކުރުމަކީ މި މަސައްކަތައްލިބޭ ކުރިއެރުމެއް.  މިގޮތުން މުޅި ރާއްޖޭގެ ގާތްގަނޑަކަށް އަށް ހާހެއްހާ ޓީޗަރުންނަށް ޓްރެއިނިން ހިންގާ ސަބަބަކީ މުދައްރިސުން ޓެކްނޮލަޖީއަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް.  މި މަޝްރޫޢުގެ ތެރެއިން  ހުރިހާ ޓީޗަރުންނާއި ކުދިންނަށް ގޫގަލް އެޑިއުކޭޝަންއަށް ތައްޔާރުވުމަށް ވަކި ވައްތަރެއްގެ އެކައުންޓެއް ތައްޔާރުކުރުންފަދަ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފަ. " މިނިސްޓަރ އައިޝަރު ޝިހާމު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ދެވަނަ ޓަރމްގައި ކިޔަވައިދޭފަށާއިރު، ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފަށާނެކަމަށެވެ. ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢުގެ ދަށުން، ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓް ގެނެސްފައިވަނީ މެކްސްކޮމް ޓެކްނޮލަޖީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ހަތްދިހަ ހާހަށްވުރެ ގިނަ ޓެބްލެޓް ގެނައުމަށް ހަމަޖެހިފައިވާއިރު މިހާރުވަނީ ޓެބްލެޓްތައް ރާއްޖެ ގެނެސްފައެވެ. ސްކޫލްތަކުގައި ބޭނުންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންނެސްފައިވަނީ " ހުވާވޭ " ބްރޭންޑުގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގޭ އެޗްޑީ ސްކްރީނެއް ހިމެނޭހެން އުފައްދާފައިވާ މި ޓެބްލެޓަކީ ސްކޫލްގައި އުގަންނައިދިނުމަށް އެންމެ އެކަށޭނެ ޓެބްލެޓްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކިޔަވައި ދިނުމުގައި ޓެބްލެޓް ބޭނުން ކުރާއިރު، ދަރިވަރުންނަށް ޓެބްލެޓް ބޭނުންކުރެވޭނީ ހަމައެކަނި ތަޢުލީމީ ކަންކަމުގައި އެކަނިކަމަށްވެސް އެޑިއުކެޝަން މިނިސްޓްރީން ބުނެއެވެ. އަދި ޓެބްލެޓުން ވަދެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސައިޓްތަކަށް އެކަނިކަމަށާ، އިންސްޓޯލް ކުރެވޭނީވެސް ވަކި އެޕްލިކޭޝަންތަކެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރިއަސް ފޮތްތައްވެސް ބޭނުން ކުރާގޮތަށް ހަމަޖައްސާފައެވެ.
ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ބާރައިގެ ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ގަތުމަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއްގެ ފައިސާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.