ޚަބަރު

މޫސުމީ ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލް ކުރެވޭނީ އާންމުންގެ އެއްބާރުލުމާއެކު- އެޗްޕީއޭ


ހުމާއި ރޯގާ ފެތުރެމުންދާ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާއިރު، އެކަން ކޮންޓްރޯލް ކުރެވޭނީ އާންމުންގެ އެއްބާރުލުމާއެކު ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން، އެޗްޕީއޭއިން ބުނެފިއެވެ. އެ އޮތޯރިޓީން ބުނީ ހުމާއި ރޯގާ ފެތުރެމުންދާ މިންވަރު ބަލަމުންދާކަމަށާ، އަދި ހާލަތު ގޯސް ވެދާނެކަމަށް އެޗްޕީއޭއިން ތައްޔާރަށް ތިބިކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ހުމާއި ރޯގާ ފެތުރެމުންދާތީ އެކަމާ ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މަޢުލޫމާތު ދެމުން ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީގެ އެޕިޑޮމޮލޮޖިސްޓް އިބްރާހިމް އަފްޒަލް ވިދާޅުވީ މިއީ ވިއްސާރަ ދުވަސްވަރެއްކަމުން އާންމުކޮށް ފެންނަ ވަރަށްވުރެގިނައިން ރާއްޖޭގައި ހުމާއި ރޯގާ އާއި ޑެންގީ ފެތުރެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

"މިދުވަސްވަރަކީ ކޮންމެވެސް ވަރަކަށް ވިއްސާރަވެސް ދުވަސްވަރެއް. އާންމުކޮށް ވިއްސާރަ ދުވަސްވަރާ ގުޅިގެން މިފަދަ ބަލިތައް އިތުރުވެގެންދޭ. އޭގެއިތުރުން ރޯނގާފަދަ ބަލިތަކަކީ ގިނަ ފަހަރަށް ސީޒަނަލް ކޮންޕޯނެންޓުވެސް އޭގަ އިންނާނެ. އެންވެ ބައެއް ފަހަރު އަންނާނެ އެފަދަބަލިތައް އިތުރުވާ މޫސުން ތަކެއް. އެކި އަހަރު އެކި މަސްތަކުގައި އިތުރުވާނީ މިފަދަބަލިތައް. އަނެއްގޮތުން އިތުރުވާ ސަބަބަކަށް މިފެންނަނީ ރޯދަމަހު. އެއީ އާންމުކޮށް މީހުން ތަންތަނަށް އެއްވެ އުޅުމުގެ ސަބަބުން." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި މަޢުލޫމާތު ދެމުން އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ ފިޒީޝަން ޑރ.މޫސާ ޙަސަން ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ޤައުމެއްކަމުން ހުމާއި ރޯގާ އާންމުކޮށް ފެތުރޭކަމަށާ، މިބަލިތައް ޕީކްވަނީ ވަކި ދުވަސްވަރުތަކެއްގައިކަމަށެވެ. އަދި މިދުވަސްވަރު މިފަދަ ބަލިތައް އިތުރުވަމުންދާތީ އައި.ޖީ.އެމް.އެޗުން މިކަން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

"ރޯދަވީއްލައިގެން އެގަޑީގައި ފުދޭވަރަކަށް ގިނަ ބަލިމީހުން އެބައާދޭ. ދެން އަޅުގަނޑުމެން އޯޕީޑީގައި ބަލާޑޮކްޓަރުންގެ އަދަދު އިތުރުކުރުކޮށްފަ، އަޅުގަނޑުމެން ކޮންމެ ދުވަހެއްކަހަލަ ގޮތަކަށް މިކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބައްދަލްކުރަމުން މިދަނީ. ކޮންފިޔަވަޅެއްތޯ ދެން އަޅަންވީ މަޝްވަރާކުރުމަށް. ފީވަރ ކްލިނިކެއް އަޅުގަނޑުމެނަށް ޑޭޓާ ލިބޭ ވަރަށް ބަލާފަ، ފަހަރެއްގަ އެހާލަތަކަށް ގޮސްފިއްޔާ ފީވަރ ކްލިނިކެއްވެސް ހަދާގޮތައް މިތިބީ." ޑރ.މޫސާ ޙަސަން ވިދާޅުވިއެވެ.

ހުމާއި ރޯގާ ފެތުރެމުންދާ މިންވަރު އިތުރުވެފައިވާއިރު، އެކަން ކޮންޓްރޯލް ކުރުމުގައި އާންމުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާ ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ، އެޗްޕީއޭއިން ބުނީ ހުމާއި ރޯގާ ފެތުރެމުންދާ މިންވަރު ބަލަމުންދާކަމަށެވެ. އަދި ހާލަތު ގޯސް ވެދާނެކަމަށް އެޗްޕީއޭއިން ތައްޔާރަށް ތިބިކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމުގައި އާންމުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާ ރާއްޖެ މިއަދު ޕްރޮގްރާމްގައި މި ދެ ޑޮކްޓަރުންވެސް ވަނީ އާންމުން ސަމާލުކަންދޭންވީ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

މިގޮތުން ރޯނގާ ނުވަތަ ހުން ޖެހިއްޖެނަމަ ކެއްސާ ކިނބިހިއަޅާއިރު ނޭފަތާއި އަނގަ ފޮރުވުމަށާއި، ބަލިވެފައި ހުންނަ އިރު މީހުން އެއްވާ ތަންތަނަށް ދިއުން ވީހާވެސް މަދު ކުރުމަށާއި ގިނައިން ބޭރަށް ނުނުކުމެވޭތޯ ބަލައި، ޑޮކްޓަރުގެ ލަފައާއި އިރުޝާދުގެ ދަށުން ކަންކަން ކުރިއަށް ގެންދިއުމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ. އަދި މަދިރިއުފެދޭ ފަދަ ތަންތަން ސާފުކޮށް، އާންމު މާހައުލު ރީތިކޮށް ބޭއްވުމަކީ ބަލިތައް ފެތުރުން ހުއްޓުވާކަމެއްކަންވެސް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.

އަދި އަރުދަފުސް ރޯނގާ އާއި ޑެންގީ ހުންފަދަ ބަލިތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކުޑަކުދިންނާ، މާބަނޑު މީހުންނާއި، ދުވަސްވީ މީހުންނާއި ޓާރމިނަލް ބަލިތައް ހުންނަ މީހުންނަށްކަމުން މިފަދަ މީހުންނަށް ހުމާއި ރޯގާގެ އަސަރުކޮށްފިނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށްދައްކާ ޑޮކްޓަރުގެ އިރުޝާދާއި ލަފާގެ ދަށުން ކަންކަން ކުރިއަށްގެންދިއުން މުހިންމުކަމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލަށް ރޯގާ ޖެހިގެން ފަރުވާހޯދުމަށް އަންނަ ބަލިމީހުންގެ އަދަދު ގިނަވަމުންދާތީ، ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ފަރުވާ ހޯދުމަށް ނޫން ބޭނުންތަކަށް ހޮސްޕިޓަލަށް ނުދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފައެވެ.