ޚަބަރު

އިސްރާއީލުން ދަނީ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ތަކުރާރުކުރަމުން - ޑރ.އާސިމް


ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދަނީ އދ.ގެ ޤަރާރުތަކާ ޚިލާފަށް ތަކުރާރުކޮށް އިންސާނިއްޔަތާ ޚިލާފު އަމަލްތައް ހިންގަމުންކަމަށާ މިކަމުގެ ސަބަބުން އެސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް ހުރަސް އެޅިފައިވާކަމަށް ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ 7ވަނަ އެކްސްޓްރާ އޯޑިނަރީ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ވާހަގަދައްކަވަމުންނެވެ. މިސަމިޓުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ އިސްރާއީލުގެ ސިފައިން، ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލްތައް ދިވެހިރާއްޖެއިން ހަރުކަށި ޢިބާރާތުން ކުއްވެރިކުރާކަމަށާ، އިސްރާއީލުގެ އިންސާނިއްޔާތާ ކިލާފު ޖަރީމާތަކަކީ އދ.އާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤަރާރުތަކާ މުޢާހަދާތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށެވެ.

ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ފަލަސްޠީނާ އިސްރާއީލުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަގަފުޅުގައިވަނީ އިސްރާއިލުގައި ހުރި އެމެރިކާގެ އެންބަސީ ޤުދުސަށް ބަދަލްކުރުމަށް އެޤައުމުން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޤުދުސަށް އެހެން ބައެއް ޤައުމުތަކުގެ އެންބަސީތައް ބަދަލްކުރަން އުޅޭތީ އެފަދަޤައުމުތަކުގެ ނިންމުން ބަދަލްކުރުމަށް ބާރުއެޅުމަށް އޯއައިސީ މެންބަރު ޤައުމުތަކަށް ރާއްޖޭގެ މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖެއިން ޒާމާނުއްސުރެއް ފަލަސްޠީނާއެކު އޮއްއޮތުން، އަދިވެސް އޮންނާނީ އެގޮތުގައިކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހިންގާ ޖަރީމާތައް ތަހުޤީޤުކުރުމަށް މިނިވަން ކޮމިޝަނެއް އުފައްދަން އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުން އެކުލަވާލި ޤަރާރު ކޯ-ސްޕޮންސަރވެސްކޮށްފައެވެ. އޯއައިސީގެ 7ވަނަ އެކްސްޓްރާއޯޑިނަރީ ސަމިޓްކުރިޔަށްދަނީ ތުރުކީވިލާތުގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

ފަލަސްޠީނުގެ ޣައްޒާއާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި މިމަހުގެ 14 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި ވަނީ ފަލަސްޠީނުގެ ފަސްދޮޅަހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

މީގެ ތެރޭގައި 18 އަހަރުގެ ދަށުގެ 6 ކުދިން ހިމެނޭ ކަމަށް ފަލަސްޠީނުގެ ސިއްޙަތާ ބެހޭ އިދާރާއިން ބުނެއެވެ. މިއީ 2014 ވަނަ އަހަރަށްފަހު އިސްރާއީލުން ދިން ހަމަލާތަކުގައި، ސައުވީސް ގަޑިއިރުތެރޭގައި ފަލަސްޠީނުގެ އެންމެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކޮށްލި ފަހަރެވެ. މިދިޔަ މާރިޗް މަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު މިވަނީ 97އަށް އަރާފައެވެ.

އިސްރާއީލުގެ މި ޢަމަލު ކުށްވެރިކޮށް ގިނަ ޤައުމުތަކުން ދަނީ އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހަކީ ފަލަސްޠީނުން ނަކްބާ ދުވަސް ނުވަތަ މުސީބާތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަހަކީ 1948 ވަނަ އަހަރު އިސްރާއީލުގެ ޔަހޫދީ ދަޢުލަތް އުފެއްދުމަށް ކަމަށް ބުނެ، ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ގަދަކަމުން ވެރިވެގަނެ، އެ ޤައުމުގެ އެތަށް ހާސް ބަޔަކު އެމީހުންގެ އަމިއްލަ ބިމުން ބޭރުކޮށްލި ދުވަހެވެ.