ޚަބަރު

ރާއްޖޭގައި ހަމަޖެހުން މިއޮތީ އިސްލާމް ދީނަށް ނަސްރުދޭތީ - އިކްރާމް


ރާއްޖޭގައި ހަމަޖެހުމާއި ތަރައްޤީއާއި ތަނަވަސްކަން މިހާތަނަށް މިއޮތީ، އިސްލާމްދީނަށް ނަސްރު ދިނުމަށް ކުރާ މަސައްކަތުގެ ސަބަބުންކަމަށް ޕަބްލިކް ސާރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ، އައްނޫރުލް މުބީން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށްބޭވި ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތު "އައްނޫރުލް މުބީން" ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްލާމްދީން ފުޅާކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

ފާއިތުވި ބައިޤަރުނުގައި ގިނަ ޢިލްމްވެރިން ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާކަމަށާއި، ނަމަވެސް ފާއިތުވި ފަސް އަހަރު މީގެ ކުރިން ބޭރުގެ ޢިލްމްވެރިން ރާއްޖެއަށް ޒިޔާރަތްނުކުރައްވާ މިންވަރަށް ޒިޔާރަތްކުރައްވާފައިވާކަން އިކްރަމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެފަދަ އެތަށް ވާޢިޒުން ތަކުރާރުކޮށް ދީނީ ނަސޭހަތް ދިނުމަށް ރާއްޖެ ވަޑައިގެންފައިވާކަމަށާ، މިއީ އިސްލާމް ދީނަށް ނަސްރު ދިނުމަށް ކުރެވޭ ވަރަށް ބޮޑެތި މަސައްކަތަތަކެއްކަމަށް އިކްރާމް ސިފަކުރެއްވިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަތުވާދޭ ކައުންސިލެއް އުފެއްދުމާއި، އިސްލާމީ ޔުނިވާސިޓީއާއި އިސްލާމީ ގިނަ މަޢޫލޫމާތުތަކެއް ފޯރުކޯށްދޭ ޓީވީއާއި ރޭޑިއޯ ޗެނަލް އުފެއްދުމާއި ޢަރަބި އިސްލާމީ ތަޢުލީމް ފުޅާކުރުމަށް ރައީސް ޔާމީން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ތަފްސީލްކޮށްދެއްވާ އިކްރާމް ވިދާޅުވީ، މިފަދަ މަސައްކަތްތަކުގެ ސަބަބުން ޤައުމުގައި ހަމަޖެހުމާއި، ތަރައްޤީއާއި ތަނަވަސްކަން ޤާއިމްވެފައިވާކަމަށެވެ.

" މިއީ ބްރިޖްގެ މަޝްރޫޢުފަދަ، ފަންސަވީސް ބުރީގެ ޢިމާރާތުގެ މަޝްރޫޢުތަކަށްވުރެ މާބޮޑެތި ކަންކަން. އިޙްސާސްވާނީ 25 އަކަށް އަހަރުފަހުން ދީނީ ގިނަ މަޢުލޫމާތުލ ިބެމުން ދިއުމުން. މިއީ އިސްލާމަދީނަށް ނަސުރު ދިނުމަށްކުރެވޭ ބޮޑެތި މަސައްކަތްތަކެއް."

އިކްރާމް ވިދާޅުވިއެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ ރާގުތަކަށް ކީރިތި ޤުރްއާން ކިޔަވަން ފަށާފައިވަނީ 1970 ގެ އަހަރުތަކުގައިކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ މީގެ ކުރިންވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައިވާކމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ މުބާރަތްތަކުގައި ރާއްޖެ ތަމްސީލްކުރުން އިތުރުވެފައިވާކަމަށާއި، އެފަދަ މުބާރާތްތަކުން ދިވެހިން ހޯދާފައިވާ ކާމިޔާބީތައްވެސް ނިސްބަތުން އިތުރުވެފައިވާކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމްގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރއާނާބެހޭ މަރުކަޒާއި، އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން މިއަށްވުރެ މާބޮޑު މުބާރާތެއްގެ ގޮތުގައި މި މުބާރާތް އަންނަ އަހަރުގެ ރަމަޟާންމަހު ބާއްވާނެކަން އިޢުލާންކުރައްވާފައެވެ. އެކަމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، އެ މުބާރާތްތަކުގައި އަންހެން ބޭފުޅުންވެސް ބައިވެރިކުރައްވާނެކަމަށް އިކްރާމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، "އައްނޫރުލް މުބީން" މުބާރާތުގެ ސަބަބުން ރާއްޖެއަށް ވަރަށް ކުލަގަދަ ޝަރަފަކާއި ފަޚުރެއް ލިބިގެން ގޮސްފައިވާކަމަށެވެ.

އަދި މިމުބާރާތުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިތުރަށް ތަޢާރަފްވެ، ރާއްޖޭގައި އިސްލާމީ ވަންތަކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް ބަލައިގެންފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި މުބާރާތުގައި ބައިވެރިވި ގިނަ ބައިވެރިންނަކީ ބޭރުގެ އެހެން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ތަމްސީލްކޮށްފައިވާ ބައިވެރިންތަކެއް. އެބައިވެރިންވެސް ފާހަގަކޮށްފައިވަނީ ރާއްޖެއިން ލިބުނުކަހަލަ އިންތިޒާމްތަކާއި، މެހެމާންދާރިއާއި ކަމޭހިތުން ލިބިފައިނުވާކަމަށް. މިއީ އަޅުގަނޑުމެން އުފާކުރާކަމެއް."

އިސްލާމިކް މިނިސްޓަރު ޑރ.ޒިޔާދު ވިދާޅުވިއެވެ.

މުބާރާރތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ ޢާންމުން ބައިވެރިވެފައިވެއެވެ.

ކަރީމް

ފިސާރި ތެދެއް ބުނަން، ތި އިކްރާމް ތީ ވަރަށްގިނަ މީހުން ފޫހިވާމީހެއް. މިކޮމެންޓް ނުޖެހޭނެކަންވެސްއިނގޭ.