ޚަބަރު

"އައްނޫރުލް މުބީން"ގެ ފަޚްރުވެރި އެއްވަނަ ކުވެއިތުގެ ޢަބްދުﷲ މުޙައްމަދު ކާޘިމް މުޙައްމަދު ކާޘިމް އަލް ޚައްޔާތު ހޯދައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް "އައްނޫރުލް މުބީން"ގެ ފަޚްރުވެރި އެއްވަނަ ކުވެއިތުގެ ޢަބްދުﷲ މުޙައްމަދު ކާޘިމް މުޙައްމަދު ކާޘިމް އަލް ޚައްޔާތު ހޯދައިފިއެވެ. އޭނާއަށް ތައްޓާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ދިވެހި ދައުލަތުގެ ފަރާތުން ވަނީ 30،000 ޑޮލަރު ދެއްވާފައެވެ.

މުބާރާތުން ދެވަނަ ހޯދީ ތުރުކީގެ ޙަމީދު އަފްޝާރް ޤަރްޖާ. އޭނާއަށް އިނާމެއްގެ ގޮތުގައި ދިވެހި ދައުލުން ވަނީ 15،000 ޑޮލަރު ދީފައެވެ. މުބާރާތުގެ ތިންވަނަ ހޯދީ މ.ވޭވަށު، ފެހިފަރުދާގޭ އަޝްރަޤު ނާޒިރު. އޭނާއަށް ދިވެހި ދައުލަތުން ވަނީ އިނާމެއްގެ ގޮތުގައި 5000 ޑޮލަރު ދެއްވާފައެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިޔާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލް ލަތީފް ވިދާޅުވީ، މިއީ ވޭތުވެދިޔަ 800 ގެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތާރީޚްގައި ބޭއްވި މިފަދަ ފުރަތަމަ މުބާރާތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން، ބޭއްވި މިބުރާތް އަންނަ އަހަރު ބާއްވާއިރު މިއަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ޕީއެސްއިމް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައި، އަންނަ އަހަރު ރަމަޟާން މަހު މިމުބާރާތް ބާއްވާއިރު، ދުނިޔޭގެ މޮޅަށް ޤުރުއާން ކިޔަވާ އަންހެން ބައިވެރިވެންވެސް މީގަ ބައިވެރިކުރާ ގޮތަށް. އެކަމާ ގުޅޭ ގޮތުން ޤަވާއިދުތައް އެކުލަވާލުވުމުގެ މަސައްކަތް ކުރަމުން މިދަނީ" އިކްރާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވި ބޭފުޅުންނަށާއި މުބާރާތުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވާފައެވެ. ''އައްނޫރުލް މުބީން'' ޤުރުއާން މިމުބާރާތުގައި ރާއްޖެއާއެކު ނުވަ ޤައުމަކުން ބައިވެރިފައިވެއެވެ. އޭގެ ތެރޭގައި ސޫދާނާއި ތުރުކީވިލާތާއި ސަޢޫދީ ޢަރަބިއްޔާއާއި ޕަކިސްތާނާއި މެލޭޝިއާގެ އިތުރުން ކުވެއިތާއި މިސްރު ހިމެނެއެވެ.

''އައްނޫރުލް މުބީން'' ޤުރުއާން މުބާރާތަކީ އިސްލާމީ ޤައުމުތަކުގެ ގުޅުން ވަރުގަދަކޮށް ތަޖުވީދުގެ ހަމަތަކައް ވާދަވެރިކަމާއެކު ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި މުބާރާތެކެވެ. މިމުބާރާތް ބާއްވާފައިވަނީ، ޕަބްލިކް ސަރވިސް މީޑޔާއާއި ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ ގުޅިގެންނެވެ.