ޚަބަރު

ރަމަޟާންމަހު ޒުވާނުންނަށް ޚާއްޞަ ޕްރޮގްރާމްތަކެއް


މި ރަމަޟާންމަހު ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. އެގޮތުން ތަފާތު ތިން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ.

އޭގެތެރޭގައި ހިމެނެނީ ކާބޯތަކެއްތި ތައްޔާރުކުރުމުގެ ޕްރޮގްރާމަކާއި، އިންޑޯ ކުޅިވަރު މުބާރާތެއްގެ އިތުރުން ދީނީ މަޢުލޫމާތުދޭ ސެޝަންތަކެކެވެ. ކާބޯތަކެއްޗާ ގުޅޭ ޕްރޮގްރާމް "އެކި ރަހަ" އޮންނާނީ މިމަހުގެ 19 އިން 26 އަށް އަންނަ މަހުގެ 2ވަނަ ދުވަހުއެވެ. މި ޕްރޮގްރާމްގައި ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރާނެ ގޮތް ދަސްކޮށްދޭނެއެވެ. ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ޝެފުންނާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ފޮނިކާތަކެއްޗާއި، ތަފާތު ވައްތަރުގެ ބުއިންތަކާއި، ސެލެޑްތައް ތައްޔާރު ކުރާނެގޮތުގެ މަޢޫލޫމާތު ބައިވެރިންނަށް ދޭނެއެވެ.

ދެން ކުރިއަށްގެންދާ ރާވާފައިވާ ޕްރޮގްރާމަކީ "ޔޫތް ރަމަޒާން ކަޕް"ގެ ނަމުގައި ކުރިއަށްގެންދާ ކުޅިވަރު މުބާރާތެކެވެ. މި މުބާރާތުގައި ބިލިއާޑް، ޑާޓް، ޑިގު، ޕީ.އެސް.ފޯ ފަދަ އިންޑޯ ކުޅިވަރުތައް ހިމަނާފައިވެއެވެ. "ޔޫތް ރަމަޒާން ކަޕް" ކުރިއަށްދާނީ މިމަހުގެ އަށާރައިން ތިރީހަށެވެ.
މީގެއިތުރުން މިމަހުގެ ތޭވީހާއި، 30ވަނަ ދުވަހު ޒުވާނުންނަށް އަމާޒުކޮށްގެން އިސްލާމް ދީނުގެ އަސާސްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ޚާއްސަ ސެޝަންތަކެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.

މި ހަރަކާތްތައް ކުރިއަށްދާނީ މާފަންނު ޒުވާނުންގެ މަރުކަޒުގައެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައިވާއިރު، މާފަންނު ޒުވާނުންގެ މަރުކަޒާއި، ޔޫތް މިނިސްޓްރީއަށް ގުޅައިގެން އެކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރެވޭނެއެވެ.