ޚަބަރު

ފިޠުރު ޒަކާތް ބަލައިގަންނަން ފެށުން އަންނަ އާދިއްތަދުވަހު


މިއަހަރުގެ ފިތުރު ޒަކާތް އަންނަ އާދިއްތަ ދުވަހު ބަލައިގަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީއިން ވަނީ ފިޠުރު ޒަކާތް މާލެއާއި އަތޮޅުތަކުގައި ބަލައިގަންނަ ވަގުތަކާއި، ޒަކާތް ބަލައިގަންނަ ތަންތަނާއި، ޒަކާތުގެގޮތުގައި ދައްކަންޖެހޭ މިންވަރު އިޢުލާންކޮށްފައެވެ.
ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. އަދި މާލޭ ސިޓީގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒާއި، ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރާއި، ހައުސިންގ މިނިސްޓްރީގެ ވިލިމާލެ ޔުނިޓުންނެވެ. އައްޑުއާއި ފުވައްމުލަކާއި، ގދ.ތިނަދޫގައި ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ޚާއްސަ ތަންތާންގައެވެ.

ފިތުރުޒަކާތް ދައްކަންޖޭ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެގޮތުން ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު ޢާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ. މާލޭގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 43ރުފިޔާ، ބާސްމަތީ ހަނަޑުލުންނަމަ 81 ރިފިޔާއެވެ.

ނަމަވެސް އަތޮޅުތެރޭގައި ޒަކާތް ދައްކަން ޖެހޭނީ އެސަރަޙައްދެއްގައި ހަނޑު ވިއްކާ އަގުތަކުގެ މިންވަރަށެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު ދިހަގަޑި ބައިން މެންދުރު އެކެއްޖަހަންދެނެވެ. އަދި ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 13ވަނަ ދުވަހެވެ.