ޚަބަރު

ރަމަޟާން މަސް - ހެޔޮކަމާއި ސަވާބުގެ މައްސަރު


އަޅުގަނޑުމެން މިއަދު މި ކުރިމަތިލީ 1439 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއެވެ.
ރަމަޟާންމަހުގެ ދުވަސްތަކަކީ މުސްލިމުންގެ ދިރިއުޅުމުގެ ގިނަ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަ އަދި މުސްލިމުންގެ އިޖްތިމާޢީ ގުޅުން ހަރުދަނާކުރުމާއި އެއްބައިވަންތަކަން އިތުރުކުރުމަށް އެހެން މަސްތަކަށްވުރެ ބޮޑަށް މަސައްކަތްތަކެއް ކުރެވޭ މައްސަރެކެވެ.

ރަމަޟާންމަހު ރޯދަ ހިފުމަކީ މާތްﷲ ސުބުޙާނަހޫ ވަތާޢާލާ މުސްލިމުންގެ މައްޗައް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ރޯދަ ފަރުޟުކުރައްވައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ. ތިޔަބައި މީހުންގެ ކުރީގެ މީހުންނަށް ފަރުޟު ކުރެއްވުނު ފަދައިން، ތިޔަބައި މީހުންގެ މައްޗައް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައި މީހުން ތަޤްވާވެރިވޭތޯއެވެ."

ޢަރަބި ބަހުގައި ރޯދައިގެ މާނައަކީ ހިފެހެއްޓުން ނުވަތަ ދުރުވުމެވެ. ޝަރުޢީގޮތުން ބަލާނަމަ ރޯދަ ހިފުމަކީ، ރޯދައަށްހުރުމުގެ ނިޔަތްގަނެ ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން، ކެއިން ބުއިމުންނާއި، ދުނިޔަވީ އެދުންތަކުން އެއްކިބާވެގެން ހުރުމެވެ.

ރޯދަވެރިޔާ ނުކައި ނުބޮއި ހުރުމުގެ ޙިކުމަތަކީ، ފަޤީރުންގެ ހާލާމެދު ހަނދާންކޮށް އެކަން އިހުސާސްކުރުމެވެ. އަދި ފަޤީރުން ދުނިޔޭގައި އުޅޭކަމާއި އެމީހުންނަށް އެހީތެރިވުމަކީވެސް ރޯދައިގެ އެއް ޙިކުމަތެވެ. ހަމައެހެންމެ، ތިމާގެ ފާފަތައް ފުހެވުމަށް ހުޅުވޭ ދޮރަކަށް ބަރަކާތްތެރި ރަމަޟާން ވެގެންދެއެވެ. އަދި ކެތްތެރިވުމާއި ޢަޒުމް ވަރުގަދަވުމަށް ދަސްވެއެވެ.

ރޯދައަށް ހުރުމުގެ ސަބަބުން ދުނިޔޭގެ އެނދުންތަކާ ދުރުވެ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ، ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމަށް މަގުފަހިވެއެވެ. ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތުގެ މައްސަރެވެ. ރަމަޟާން މަހު ރޯދައަށް ހުރެ މީހާ ކުރާ ހެޔޮ އަމަލުތަކަށް އެތައް ގުނައެއްގެ ދަރުމައާއި ސަވާބު ލިބެއެވެ. މިކަން ކީރިތި ޤުރުއާނާއި ކީތިރިރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުބެއެވެ.

ރަމަޟާން މަހަކީ މުސްލިމުންގެ މަތިވެރި ސިފަތަކާއި ޚުލްޤު ހެޔޮކަމާއި އޯގާތެރިކަން އިތުރަށް ފެނިގެންދާ މައްސަރެކެވެ. އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިވުމާއި ޞަދަޤާތް ކުރުމުގައިވެސް އެހެން މައްސަތަކަށްވުރެ ބޮޑު ސަމާލުކަމެއް މިމަހުގައި ދެއެވެ. ދުނިޔޭގެ މުސްލިމް ޤައުމުތަކާއި މުސްލިމުން މަދު ބައެއް ޤައުމުތަކުގެ މުސްލިމް މުޖުތަމަޢުތަކުގައިވެސް ރަމަޟާން މަހުގެ ދުވަސްތަކުގައި އިސްލާމީ ރީތި އާދަތައް ފެންނަ މިންވަރު އިތުރުވެގެންދެއެވެ.

ދިވެހިންގެ ކިބައިގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ރޯދަމަހާ ގުޅިފައިވާ ސަޤާފަތާއި އާދަކާދަތައް އަދިވެސް ދެމިއޮންނަކަން ފާހަގަކުރެވެއެވެ.

މިއަދު މި ފެށުނު ރަމަޟާން މަހަށް ދިވެހި މުސްލިމް މުޖުތަމަޢު ތައްޔާރުވަމުން އައިއިރު ރާއްޖޭގެ މިސްކިތްތަކުގެ މިންބަރުތަކުގައި މިދިޔަ ހުރކުރު ދުވަހު އިއްވި ޚުޠުބާގައިވަނީ، ހީވާގިކަމާއެކު ރަމަޟާން މަހަށް އިސްތިޤްބާލްކުރަން ތައްޔާރުވުމަށް އިލްތިމާސްކުރައްވާފައެވެ. ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފްކުރުން އޮތް ކަމެއް ނޫންކަމަށް ބަޔާންކުރައްވައި، މުސްލިމުންގެ ކިބައިން ފެނިގެން ނުވާނެ ކަންކަމާ ބަހާއި ޢަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ބާރުއެޅުއްވިއެވެ.

ކޮންމެއަކަސް ރަމަޟާން މަސް އެބަޔަކާއި ބައްދަލުކުރާ މީހުންނަކީ އެބައިމީހުންގެ އަމަލުތައް އިސްލާހްކޮށް މާތްﷲ ގެ ހަޟުރަތުން ހެޔޮދަރުމައާއި ސަވާބު ލިބުމަށްއެދި ގަދައަޅައި މަސައްކަތްކުރަންޖެހޭ ބަޔަކަށް ވާންޖެހެއެވެ. އެހެނީ އަޅުގަނޑުމެނާއެކު މިދިޔަ އަހަރުގެ ރަމަޟާންމަހު ރޯދަ ހިފި އެތައް ބަޔަކު މިއަދު ވަނީ މިދުނިޔެއާވަކިވެފައެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް މި ފުރުސަތުގައި އެ މީހެއްގެ ހެޔޮއަމަލުތަށް ގިނަކޮށް ތަޤުވާވެރިވުން މުހިއްމެވެ.

ރޯދަމަހަށް ގިނަތައްޔާރީތަށްވެ ދިރިއުޅުމުގެ ކަންކަން ބަދަލުކުރަމުން އަންނައިރު މިއަދު އަޅުގަނޑުމެންގެ އެތަކެއް މުސްލިމު އަޚުންނާއި އުޚުތުން ތިބި ނިކަމެތި ހާލާމެދު ވިސްނާލުން ވަރަށް މުހިއްމެވެ. ޚާއްސަ ގޮތެއްގައި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ މުސްލިމުން މި ރަމަޟާން މަހާ ކުރިމަތިލާފައި މިވަނީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރެއިންނެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ނިކަމެތި މުސްލިމުންގެ މަތިން ހަނދާކޮށް އަޅުގަނޑުމެންގެ ދުޢާތަކުގައި އެލޮބުވެތި މުސްލުމުން ޝާމިލްކުރަންޖެހެއެވެ.