 
										
			ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިއްބެވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. 
އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރުކުރެއްވި ކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރައްވައި މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވިދާޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ  ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ. 
އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ އުޚުއްވަތްތެރި ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި ބަރަކާތްތެރި މުނާސަބަތުގެ ތަހުނިޔާ އެމަނިކުފާނުވަނީ ފޮނުއްވާފައެވެ. 
މީގެ އިތުރުން، ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް މިންވަރުކުރައްވާ ވަރަށް މުހިންމު ރޫޙާނީ މައްސަރެއް ކަމަށާއި، މިއީ ފުއްސެވުމާއި ރުއްސެވުމުގެ މައްސަރެއްކަން ފާހަގަކުރައްވައި މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ. 
އަދި މިމައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެންދާ ކަމަށާ، އެހެންކަމުން ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމާއެކު، ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއި، ފަރުޟު ފަސްނަމާދަށް ފަރުވާތެރިވުމަށް ދިވެހި އެންމެހައި މުސްލިމް ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.