ޚަބަރު

"އެއް ލަކިން މަށަށް ލައިސަންސް"


ޒުވާނުންނަށް ޢަމާޒުކޮށްގެން އެއްގަމު އުޅަނދުގެ ލައިސަންސް ވަގުތުން ވަގުތައް ލިބޭ ޕްރޮގްރާމެއް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

"އެއް ލަކިން މަށަށް ލައިސަންސް"މިނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޓެސްޓުހެދުމާއި ދުއްވުން ކުރިއަށްދާނީ އެއްވަގުތެއްގައި އެއްސަރަޙަދެއްގައެވެ. މިމަހު މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ކުރިއަށްދާ ސަރަހައްދުގައި ޕްރޮގްރާމުގައި ބައިވެރިވާ ފޯމާއި، ލައިސަންސް ފޯމް ފުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ހުންނާނެއެވެ. އަދި ފޯމުގައިޖަހާ ފޮޓޯ ނެގުމާއި، އެކަމަށް ބޭނުންވާ ސްޓޭމްޕާއި، ފައިސާދެއްކުމުގެ އިންތިޒާމުވެސް އެ ސަރަޙައްދުގައި ހަމަޖެހިފައި ހުނާނެކަމަށް މިނިސްޓްރީންބުނެއެވެ.

ލައިސަންސް ދޫކުރުމުގެ މި ޕްރޮގްރާމްމަކީ 18 އަހަރާއި، 35 އަހަރާއި ދެމެދުގެ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ނަމަވެސް، ޕްރޮގްރާމް ކުރިއަށްގެންދަނީ 35 އަހަރުން މަތީގެ މީހުންނަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ހިންގުމަށް ސަރުކާރުން ނިންމާފައިވަނީ ޤަވައިދާ ޚިލާފަ އެއްގަމު އުޅަނދު ދުއްވާ ޒުވާނުން މަދުކޮށް، ޤަވައިދާ އެއްގޮތަށް ދުއްވުމަށް ޒުވާނުން އަހުލުވެރިކުރުވުމަށްކަމަށެވެ. އަބްދުﷲ މުޙައްމަދު ވިދާޅުވީ ޕޮލިސް ރިޕޯޓްތަކަށް ބަލާއިރުވެސް، ލައިސަންސް ނެތުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ މީހުން ގިނަކަމަށާއި، މިފަދަ ޕްރޮގްރާމެއްގެ ސަބަބުން މިކަން ވަރަށް ބޮޑަށް މަދުކުރެވިގެންދާނެކަމަށެވެ.

މި ޕްރޮގްރާމް މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ޕްރޮގްރާމް ބާއްވަން ނިންމާފައިވަނީ މާލޭގައެވެ. އަދި މި ޕްރޮގްރާމް ބާއްވާ ތަނާއި، ތާރީޚާއި ވަގުތު އަންނަ ހަފްތާގެ ތެރޭގައި އިޢުލާން ކުރާނެކަމަށް ޢަބްދުއްﷲ މުޙައްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައިވެސް ލައިސަންސް ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ޤަވައިދާ އެއްގޮތަށް މާރކްސް ލިބޭ ފަރާތްތަކަށެވެ. ޕްރޮގްރާމްގެ ތެރެއިން ޑްރަވިންގް ޓެސްޓްހެދޭ ކެޓަގަރީތަކަކީ، އޭ-ޒީރޯ، އޭ-ވަން، ބީ-ވަން، އަދި ސީ-ވަންއެވެ. ސަރުކާރުން މީގެކުރިންވަނީ ޓްރާންސްޕޯޓް ޤާނޫނަށް ބަދަލުގެނެސް، ޖޫރިމަނާކޮށްފައިވާ ލައިސަންސްތަކުގެ ޖޫރިމަނާ މަޢާފްކޮށްފައެވެ.