ޚަބަރު

އެމްއޭސީއެލްގެ "ރޯދަ ހަދިޔާ" މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި


ރަމަޞާން މަހަށް ޚާއްޞަކޮށްގެން، ދީނީ ގިނަ މަޢުލޫމާތު ހިމެނޭ މޯބައިލް އެޕްލިކޭޝަނެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލްއިން ލޯންޗުކޮށްފިއެވެ.

އެމްއޭސީއެލްއިން ރަމަޟާންމަހާ ދިމާކޮށް ތަޢާރަފްކުރި މޯބައިލް އެޕްލިކޭޝަން، "ރޯދަ ހަދިޔާ" ލޯންޗު ކޮށްދެއްވީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދުއެވެ. މިއީ ރަމަޞާންމަހުގެ ދީނީ އަޅުކަންކުރުމަށް ހިތްވަރުދީ ދީނީ މަޢުލޫމާތު ފަސޭހައިން ލިބޭނެހެން އެމްއޭސީއެލްގެ އައިޓީ ޓީމުންތައްޔާރުކޮށް ފައިވާ އެޕެކެވެ. އެޕްލިކޭޝަނުން ދީނީ މަޢުލޫމާތާއި ނަމާދުވަގުތު ފަދަ ރޯދަމަހާއިގުޅޭ މުހިއްމު މަޢުލޫމާތު ލިބޭނެއެވެ. އެޕްލިކޭޝަނާ ގުޅޭގޮތުން އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮރމޭޝަން އޮފިސަރ މޫސާ ޞާލިޙް ވިދާޅުވީ، އެ ކުންފުނިން ތަޢާރަފްކުރި އެޕްލިކޭޝަންގައި ދިވެހިން ޢާންމުކޮށް ބޭނުންކުރާ ދީނީ ގިނަ މަޢުލޫމާތުތައް ހިމެނޭކަމަށެވެ. އަދި އެޕްލިކޭޝަންގައި ހިމެނޭ ބައެއް މަޢުލޫމާތުތައް ކޮންމެ ދުވަހަކުވެސް އަޕްޑޭޓްކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އެޕްލިކޭޝަން ލޯންޗުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދު ވަނީ ވީހާވެސް ގިނަ ޒުވާނުން، ޚާއްޞަކޮށް ވަޒީފާތަކުގައި އުޅޭ ފަރާތްތަކުން މި އެޕްލިކޭޝަންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިވަޑައިގެންފައެވެ. މިނިސްޓަރ ވިދާޅުވީ، ރަމަޞާން މަހަށްފަހުވެސް އެޕްލިކޭޝަން ބޭނުންކުރެވޭނެ ގޮތަށް މަޢުލޫމާތު ހިމެނުން މުހިންމުކަމަށެވެ.

"ރޯދަ ހަދިޔާ" މި ނަމުގައި ތަޢާރަފްކުރި އެޕްލިކޭޝަނަކީ، ދީނީ ޛިކުރުތަކާއި ހުކުރު ޚުޠުބާތަކާއި ޤުރުއާނާއި ސިޔަރަތު އަދި މިނޫންވެސް ގިނަ ދީނީ މަޢުލޫމާތު ހިމެނޭ އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަން ޑައުލޯންޑްކޮށް، ރެސްޖިސްޓަރ ކުރައްވާ ބޭފުޅުންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އުމުރާ ދަތުރެއް ލިބޭއިރު، އެމްއޭސީއެލްގެ މުވައްޒަފުންނާއި އާއްމުންނަށް އެޕްލިކޭޝަން މެދުވެރިކޮށް އިނާމް ހޯދުމުގެ ފުރުޞަތު އޮންނާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

"ރޯދަ ހަދިޔާ" އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕަލް ސްޓޯރުން ޑައުންލޯޑްކުރެވޭނެއެވެ.