ޚަބަރު

ތާރު އަޅާ ތަރައްޤީކޮށްފައިވާ ޢިއްޒުއްދީނު މަގު ޢާންމުކޮށް ހުޅުވާލައިފި


މާލޭގައި ތާރު އަޅައި ތަރައްޤީކޮށްފައިވާ ޢިއްޒުއްދީނު މަގު ޢާއްމުކޮށް ހުޅުވާލައިފިއެވެ.

ބޮޑުތަކުރުފާނު މަގުން ފެށިގެން އަމީނީ މަގާ ހަމައަށް ތާރު އަޅައިގެން ހަދާފައިވާ މި މަގުގައިވަނީ ކަރަންޓް ކޭބަލްތަކާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ފެންހޮޅިތައް ވަޅުލުމާއި މަގުގެ ފެން ހިންދުމަށް ބޭނުންވާ ކާނު ވަޅުގަނޑުތައްވެސް ޒަމާނީ ފެންވަރަށް ހަދައި ނިންމާފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހަދާފައިވާ ޢިއްޒުންދީން މަގަކީ 50 އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭނެކަމުގެ ގެރެންޓީ ދީފައިވާ މަގެކެވެ.

މިމަގުގެ އިތުރުން މާލޭގެ ހުޅަނގު ދެކުނު ފަޅުތެރެއިން 6.9 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީ ކުރަމުންދާ މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ މަގުތައްވެސް މިހާރުވަނީ ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްފައެވެ.

މީޑިއާއަށް މަޢުލުމާތުދެއްވަމުން ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ ޢިއްޒުއްދީނު މަގަށް ބަދަލުގެނައުމަށް ނިންމީ، އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ނިމޭއިރު، އެމްޕީއެލުން މުދާ ނެރެ ގުދަންކުރުމަށް އެ ޞަރަޙައްދައް ގެންދިއުމަށް ފަސޭހަ ވާނެގޮތައް ބެލުމަށްފަހު ކަމަށެވެ. އަދި މި ބަދަލު ގެންނައިރު ޓްރެފިކަށް ދިމާވާ ކަންކަން ކުޑަކުރުމަށް ޢިއްޒުއްދީނުމަގަކީ ޕާކުނުރެވޭ މަގަކަށް ހަދާނެކަމަށްވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.