ޚަބަރު

ދިރާގުގެ ހިއްސާއަކަށް 11.81 ރ ބަހަން ނިންމައިފި

ދިރާގުން ހިއްސާއަކަށް 11.81 ލާރި ބަހަން ނިންމައިފިއެވެ. މިއީ ފާއިތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ދިރާގުން ހިއްސާއަކަށް ބަހަން ނިންމި އެންމެ މަތީ އަގެވެ. 2016 ވަނަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބެހީ 11.05 ލާރިއެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 11.81 ލާރި ބަހަން ނިންމީ ދިރާގުގެ 29 ވަނަ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 92 އިންސައްތަ ވޯޓުންނެވެ. ރާއްޖޭގެ އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނި ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 898 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެކުރީ އަހަރާއި އަޅާބަލައިރު 6.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ޙިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި ދިރާގުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ 2013 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު އެންމެ މަތީ އަދަދެވެ. 2016 ވަނަ ދިރާގަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 840 މިލިއަން ރުފިޔާއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ދިރާގުގެ 29 ވަނަ އަހަރީ އާންމު ޖަލްސާގައި މި އަހަރުގެ އެކްސްޓާނަލް އޮޑިޓަރަކަށް، މިދިޔަ އަހަރު ވެސް އެ މަސައްކަތް ކުރި ކޭޕީއެމްޖީ ހަމަޖައްސަން ވަނީ ފާސްކޮށްފަ އެވެ. މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓަރީ ވެފައިވާ މީހުންނަށެވެ.