ތަރައްްޤީ

"ހިޔާ" އެޕާޓްމަންޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެމް.ޑަބްލިއު.އެސް.ސީގެ މުވައްޒަފުންނަށް ހުޅުވާލައިފި


"ހިޔާ" މަޝްރޫޢުގެ ދަށުން މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، (އެމް.ޑަބްލިޔު.އެސް.ސީ)އިން ޢިމާރާތްކުރާ ހައުސިން އެޕާރޓްމަންޓްތަކަށް ކުރިމަތިލުމަށް ޚާއްސަ ހައުސިންގ ސްކީމެއް ތަޢާރަފުކޮށް، އެޕާރޓްމަންޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ. ހިޔާ މަޝްރޫޢުގެ ދަށުން 15 ބުރީގެ 2 ޓަވަރު އެޅުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީން މިހާރު އަންނަނީ ކުރަމުންނެވެ.

"ހިޔާ" މަޝްރޫޢަކީ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ތާރީޚުގައި ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 384 އެޕާޓްމަންޓް ހިމެނޭހެން 15 ބުރީގެ 2 ޓަވަރެވެ. މީގެ ތެރޭގައި 1 ކޮޓަރި، 2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ.

އެގޮތުން މި 2 ޓަވަރުގެ ފުރަތަމަ ފަންގިފިލާއިން ފެށިގެން 4 ވަނަ ފަންގިފިލާއާއި ދެމެދު ޚާއްސަކޮށްފައިވަނީ 1 ކޮޓަރީގެ އެޕާޓްމަންޓްތަކަށެވެ. އަދި 5 ވަނަ ފަންގިފިލާއިން ފެށިގެން 14 ވަނަ ފަންގިފިލާއާއި ދެމެދު ޙާއްސަކޮށްފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށެވެ. އެމް.ޑަބްލިޔު.އެސް.ސީން ތަރައްޤީކުރާ 384 އެޕާޓްމަންޓުގެ ތެރެއިން އެކުންފުނީގެ މުވައްޒަފުންނަށް ދޫކުރުމަށް ނިންމާފައިވަނީ ޖުމްލަ 312 އެޕާޓްމަންޓެވެ. މި އެޕާޓްމަންޓްތަކަށް ކުރިމަތިލުމަށް ބޭނުންވާ މުވައްޒަފުންނަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުޞަތު 14 މޭއިން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަކަށް އެކުންފުނިން މިހާރު ވަނީ ހުޅުވާލާފައެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ފެން ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕާޓްމަންޓްތަކަށް ޚާއްސަކޮށްގެން އެކުންފުނިން ތަޢާރަފުކޮށްފައިވާ ހައުސިންގ ސްކީމާއި، އެޕާޓްމަންޓްތަކަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ އެކުންފުނީގެ ޗެއަރމަން އަޙްމަދު ނާޞިރުގެ އިތުރުން، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ތަރައްޤީއަށް އޮތް ގޮންޖެހުމެއްކަން ދެކިގެން އެކަން ހައްލުކޮށްދެއްވުމަށް އެކަށީގެންވާވަރުގެ ފިޔަވަޅުތަކެއް އަޅުއްވަން ކެރިވަޑައިގެންނެވި ހަމައެކަނި ވެރިޔަކީ ރައީސް ޢަބްދުﷲ ޔާމީންކަމަށެވެ.

ކުރީގެ ސަރުކާރުތަކުން ކުންފުނިތަކަށް ޙާއްސަކޮށްގެން ހައުސިންގ މަޝްރޫޢުއެއް ހިންގާފައިނުވާކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީން ތަރައްޤީކުރާ އެޕާޓްމަންޓްތައް ދޫކުރުމުގައި ކުންފުނީގެ މައިގަނޑު ވިސްނުމަކީ މުވައްޒަފުންގެ ޖީބަށް ވީހާވެސް ލުއިވާނޭހެން، ފަސޭހައިން ފައިސާދެއްކޭނެ ނިޒާމެއްގެ ތެރެއިން އެޕާޓްމަންޓްތައް ދޫކުރުންކަމަށެވެ. އެގޮތުން އެޕާޓްމަންޓް ވިއްކާ އަގުގެ 20 އިންސައްތަ އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާއިރު، އެ ފައިސާވެސް އިންސްޓޯލްމެންޓް އުސޫލުން 4 މަސް ދުވަހުގެ ތެރޭގައި ދެއްކޭނެކަމަށް ފަޒުލް ވިދާޅުވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ތަރައްޤީކުރާ އެޕާޓްމަންޓްތައް ވިއްކުމަށް އެކުންފުނިން ކަނޑައަޅާފައިވާ އަގުތަކަށް ބަލާލާއިރު، 1 ކޮޓަރީގެ އެޕާޓްމަންޓްތައް އުޅެނީ 700000 ރުފިޔާއާއި 850000 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. 2 ކޮޓަރީގެ އެޕާޓްމަންޓްތައް 1.3 މިލިއަން ރުފިޔާއާއި 1.4 މިލިއަން ރުފިޔާއާއި ދެމެދުގައި އަގުތަކެއްގައި ވިއްކުމަށް ނިންމާފައިވާއިރު، 3 ކޮޓަރީގެ އެޕާޓްމަންޓްތައް އުޅެނީ 1.4 މިލިއަން ރުފިޔާއިން ފެށިގެން 1.6 މިލިއަން ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

މި އެޕާޓްމަންޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދައްކާ ޚާލާސްކުރުމުގެ އިތުރުން، އެކި ބޭންކްތައް މެދުވެރިކޮށް ފައިސާދެއްކޭނެ އިންތިޒާމްވެސް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ. އަދި އެޕާޓްމަންޓްތަކަށް ފައިސާދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 12 އަހަރެވެ.

ޗައިނާގެ ދި ޓުވެންޓީ ތަރޑް މެޓަލާނޖިކަލް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން އެމް.ޑަބްލިޔު.އެސް.ސީގެ 15 ބުރީގެ 2 ޓަވަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެކުންފުނީގެ އަމާޒަކީ 2 އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢު އެއްކޮށް ނިންމުންކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.