ޚަބަރު

"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުގެ ކިޔެވުން ފަށައިފި


ރާއްޖޭގެ ތާރީޚްގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގެ ކިޔެވުން ފަށައިފިއެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ޖުމުލަ ނުވަ ޤައުމަކުން ބައިވެރިވެއެވެ.

"އައް-ނޫރުލް މުބީން" ޤުރުއާން މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ނުވަ ޤައުމަކުން ބައިވެރިވެއެވެ. އަދި ރާއްޖެ ހިމެނޭހެން ފަސް ޤައުމެއްގެ ވަރަށް ޢިލްމުވެރި ޤާބިލު ބޭފުޅުން މި މުބާރާތުގައި އިންސާފުކޮށްދެއްވައެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކުރާ ބޭފުޅުންނަކީ، ސޫދާންގެ ޑރ.ޢަބްދުލް މުނީރު މުޙައްމަދު އަޙްމަދު އަލް ރާބީ، ޕާކިސްތާނުގެ ޑރ.މުޙައްމަދު ޔޫނުސް، މެލޭޝިއާގެ ޑރ.ވާން ހިލްމީ ވާން ޢަބްދުﷲ، ޔަމަންގެ ޑރ.ޢަބްދުލްހަމީދު ނާޞިރު ޞާލިޙް އަލް ޣައުސީ އަދި ރާއްޖޭގެ އަލްޤާރީ އަޙްމަދު ތަޢުފީޤް ޢަބްދުއްރަޙްމާނެވެ.

ދެ ރައުންޑަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ބައިވެރިއަކުވެސް ކޮންމެ ރައުންޑެއްގައި އެއް ފަހަރު ކިޔަވާނެއެވެ. ބައިވެރިން ކިޔަވާނީ އެ ރައުންޑެއްގައި އެ ބައިވެރިއަކަށް ނެގޭ ސުވާލަކަށެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ބައިވެރިވާ އެހެން ޤައުމުތަކަކީ، ސޫދާން، ތުރުކީ، ސަޢުދީ ޢަރަބިއްޔާ، ޕާކިސްތާން، މެލޭޝިޔާއާ، ކުވައިތް، މިޞްރް އަދި ބަންގްލަދޭޝެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ މ.ވޭވަށު ފެހިފާރުދާގެ އަޝްރަޤް ނާޒިރެވެ.

މި މުބާރާގެ ކިޔެވުން އަންގާރަ ދުވަހުވެސް ކުރިއަށްދާނެއެވެ. މި މުބާރާތުގެ މަޤްޞަދަކީ މީހުންގެ ހިތްތަކުގައި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމަށް ލޯބި އިތުރުކުރުމާއި، ޤުރުއާން ހިތުދަސްކުރުމަށް އިތުރަށް ބާރުއެޅުމެވެ.

"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުން އެއްވަނައަށްދާ ފާރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދިވެހި ދައުލަތުން 30 ހާސް ޑޮލަރު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ދާ ބައިވެރިއަކަށް 15 ހާސް ޑޮލަރު، ތިންވަނައަށް 5 ހާސް ޑޮލަރުގެ އިނާމެއް ހުށައަޅާފައިވެއެވެ.

"އައް ނޫރުލް މުބީން" މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އަންނަ ރަމަޟާން މަހުގެ ދެވަނަދުވަހުގެ ރޭ އޮންނަ އިހްޔާ ފޯރަމްގައެވެ. އިނާމް ހަވާލުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުލަގަދަކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް "އައްނޫރުލް މުބީން"އިންތިޒާމް ކުރަނީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެންނެވެ.