ޚަބަރު

ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ފައިދާ %4 އިތުރުވެއްޖެ


ބެންކް އޮފް މޯލްޑިވްސްއަށް 2017 ވަނަ އަހަރު ލިބުނު ފައިދާ %4 އިތުރުވެއްޖެއެވެ. 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި އެ ބޭންކުން ބުނީ 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.416 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިއީ 2016 ވަނަ އަހަރު އެ ބޭންކަށް ލިބުނު 1.02 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %4 އިތުރު އަދަދެކެވެ. އަދި އެއްމިންގަނޑަކުން ކުރީ އަހަރާ އަޅާބަލާއިރު %20 ގެ ކުރިއެއްކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، މާލީ ގޮތުން ހޯދުނު ނަތީޖާއަށް ބަލާއިރު ބޭންކަށް ލިބޭ ފައިދާ މިދިޔަ 4 އަހަރުތެރޭ ދެގުނަ އިތުރުވެފައިވާކަމަށެވެ. މިއީ ހަރުދަނާ ގޮތެއްގައި ވިޔަފާރި ފުޅާކުރެވި، އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވުމުގެ ސަބަބުން ހޯދުނު ނަތީޖާއެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.

މިދިޔަ ހަތަރު އަހަރުތެރޭ އުފެއްދުންތެރިނޫން ލޯނުގެ ނިސްބަތްވަނީ %20.3 އިން %4.1 އަށް ދަށްކޮށްފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ ގެ އަގަށް އައި %240 ގެ ކުރިއެރުމާއެކު ހިއްސާދާރުންނަށް އެކަމުގެ ފައިދާ ލިބިފައިވާކަން ބޭންކުން ފާހަގަކުރެއެވެ. އަދި މި މުއްދަތުގައި ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ބޭންކުން ވަނީ 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައެވެ.

ބީއެމްއެލްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 22 ރުފިޔާގެ މަގުން ޖުމްލަ 118.4 މިލިއަން ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %10 އިތުރު އަދި މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ ރެކޯޑް އަދަދެއްކަމަށް ބޭންކުން ބުނެއެވެ.

2017 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު 50 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.