މުނިފޫހިފިލުވުން

އަޒަލް - އަޒުމެއް އޮތިއްޔާ ކާމިޔާބު ވާނެކަން ސާބިތުކޮށްދީފި

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް ކާމިޔާބު ކުރި އަޒަލްއަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ދިވެހި ޒުވާނުންނަށް ހުރި އިބްރަތެކެވެ. ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުމުގެ ތަޅުދަނޑިކަން އަޒަލް ވަނީ އައިޑަލްގެ ދަތުރުން ސާބިތުކޮށްދީފައެވެ.

އައިޝަތު އަޒަލް ޢަލީ ޒާހީރަކީ މޯލްޑިވިއަން އައިޑަލްގެ ދަތުރުގައި އާ މޫނަކަށް ނޫނެވެ. އަދި އޭނާގެ އަޑަކީ އާ އަޑެއްވެސް ނޫނެވެ. ފާއިތުވި 2 ސީޒަންގައިވެސް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު އަޒަލް އައިޑަލްގެ ސީޒަން ތިނަކާވެސް ކުރިމަތިލީ ކުރީގެ ތަޖުރިބާތަކުގެ އަލީގައި ޖަޖުންގެ ފަރާތުން ރަނގަޅުކުރަން ބުނި ކަންކަން ރަނގަޅުކޮށް، އޭނާއަކީ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހައްޤުވާ ބައިވެރިއެއްކަން ސާބިތުކޮށްދިނުމުގެ މަޤްޞަދުގައެވެ. އެއްވެސް ހާލެއްގައި ކުރީގެ ނާކަމިޔާބީތައް އޭނާގެ ހުވަފެން ހާސިލްކުރުމަށް އޮތް ހުރަހަކަށްވިޔަ ނުދެއެވެ.

އަޒަލް މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދުމަށް އެންމެ ފުރަތަމަ ދަތުރު ފެށީ މީގެ 3 އަހަރު ކުރިން އައިޑަލް ސީޒަން އެކެއްގެ އޮޑިޝަންގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލި ހިސާބުންނެވެ. އެ ފަހަރު އަޒަލް ބައިވެރިވީ މާލޭ ސިޓީގެ އޮޑިޝަންގައެވެ. ކަންދިމާކުރިގޮތުން އެފަހަރު އަޒަލްއަށް ގޯލްޑަން ޓިކެޓެއް ނުލިބެއެވެ. ނަމަވެސް އެފަހަރުވެސް އަޒަލް ދެކެމުންދިޔަ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް އޭނަ ކުރަމުންދިޔަ އުއްމީދުތަކަށް ކުޑަވެސް ފަޑުކަމެއް ނާދެއެވެ. އާއިލާއާއި ގާތް އެކުވެރިންގެ ފަރާތުން ލިބުނު ހިތްވަރާއެކު އައިޑަލް ސީޒަން ދެއަކަށްވެސް އަޒަލް ކުރިމަތިލިއެވެ. ނަމަވެސް އެފަހަރުވެސް ނަސީބު އަތުގައި ހިފާގޮތެއް ނުވިއެވެ. ގޯލްޑަން ޓިކެޓާއެކު އޮޑިޝަނުން އަޒަލް ސަލާމަތްވި ނަމަވެސް، ޕިއާނޯ ރައުންޑާއި ހަމައަށްވެސް ނުދެވި، ތިއޭޓަރ ރައުންޑާއެކު އަޒަލްއަށް އަނެއްކާވެސް ޖެހުނީ އައިޑަލްގެ ދަތުރު ނިންމާލާށެވެ.

3 އަހަރުގެ އިންތިޒާރަކަށްފަހު އަމިއްލަ އުފަން ރަށްކަމުގައިވާ އައްޑޫ ސިޓީގައި ބޭއްވި އައިޑަލް ސީޒަން 3ގެ އޮޑިޝަންގައި އަޒަލް އަނެއްކާވެސް ބައިވެރިވީ، އޭނާގެ އުއްމީދުތައް ހަޤީޤަތަކަށް ހެދުމުގެ ބޭނުމުގައެވެ. ޖަޖިންގ ޕެނަލްގެ ހުރިހާ މެމްބަރުން ހެއްވާލުމަށްފަހު އަޒަލް އަނެއްކާވެސް އޭނާގެ އައިޑަލްގެ ދަތުރު ފެށީ އެއްވެސް ވަރަކަށް ފަސްބެލުމެއް ނެތިއެވެ. ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ، ކާމިޔާބީއަކީ ދުރުގައިވާ އެއްޗެއް ނޫންކަން ސީޒަން ތިނެއްގެ ޓައިޓަލްއާއެކު އަޒަލް މިހާރު މިވަނީ ދިވެހި ޒުވާނުންނަށް ސާބިތުކޮށްދީފައެވެ.

"ވަރަށް ވަރަށް ތަފާތު އިޙްސާސުތަކެއް ކުރެވެނީ. ސީޒަން ތިނެއްގެ ޓައިޓަލް ވިނަރއަށްވީމަ. ވަރަށް އުއްމީދުކޮށްގެން ހުރި ވަނައެއް މިއީ. ސީޒަން އެކެއްގައިވެސް ކެޓީ. ސީޒަން ދޭއްގައިވެސް ޓްރައިކުރިން ހަމަ މި ޓައިޓަލް ބޭނުންވެގެން. ފައިނަލީ ޓައިޓަލް އަތުގައި އޮތީމަ ވަރަށް އުފާވޭ. އަސްލު ވަރަށް ބޭނުންވޭ ފޭންސް، ފެމިލީ އެންޑް ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން. އެމީހުންނާއި ނުލާ މި ހިސާބަކަށް ނާންނާނެ. މިހާރު ހިތަށް އަރާ އަޒަލްގެ ފަހަތުގައި އަސްލު ހާދަ ގިނަ ބަޔަކު އެބަތިއްބޭ"

އުމުރުން 18 އަހަރުގެ އަޒަލްގެ މިހާރު ކުރަމުންދާ އުއްމީދަކީ މި ލިބުނު ކާމިޔާބީއާއެކު، ދިވެހި މިއުޒިކް އިންޑަސްޓްރީ ކުރިއެރުވުމުގައި އޭނާގެ ދައުރު މިހާރަށްވުރެ އިތުރުކުރުމެވެ. އައިޑަލްގެ މިފަހަރުގެ ސީޒަނަށް ބަލާލާއިރު، ވަރަށްވެސް ތަފާތު ހުށައެޅުންތައް ގެނެސްދިން އަޒަލް އޭނާގެ ފޭނުންނަށް ބުނެލަން އޮތީ މި އިންޑަސްޓްރީން އޭނާ ނުގެއްލޭނެކަމަށެވެ. ވަރަށް އަވަށް އަމިއްލަ އުފެއްދުންތަކާއެކު ސަޕޯޓަރުންނާއި ބައްދަލުކުރާނެކަމުގެ އުފާވެރި ޚަބަރު އަޒަލް ވަނީ ދީފައެވެ.

"އަޒަލް މިއުޒިކް އިންޑަސްޓްރީއަކުން ދެން ގެއްލިގެނެއް ނުދާނެ. އަޒަލްގެ އަމިއްލަ އުފެއްދުންތައް އުފެއްދޭތޯ މަސައްކަތްކުރާނަން. އަމިއްލަ ރާގުތައްވެސް ހަދައިގެން ނެރެވޭތޯ ވަރަށް މަސައްކަތް ކުރާނަން" އަޒަލް ބުންޏެވެ.

މިއުޒިކީ ކެރިއަރ އެއްފަރާތް ކޮށްލުމަށްފަހު އަޒަލްގެ އަމިއްލަ ދިރިއުޅުމަށް ބަލާލާނަމަ އަޒަލްއަކީ ކިޔެވުމާއި އެއްވަރަށް ކުޅިވަރުގެ ދާއިރާގައިވެސް ހަރަކާތްތެރި ޒުވާނެކެވެ. އޯލެވެލް އިމްތިހާން އޭނާ ނިންމާލީ ހުރިހާ މާއްދާއަކުން އޭ ޕްލަސްއާއެކު ޓޮޕް އެޗީވަރޒް އެވޯޑުގެ އެއްވަނަ ހާސިލުކޮށްގެންނެވެ. ސްވިމިންގއާއި ބާސްކެޓާއި ތަފާތު މިއުޒިކް އިންސްޓްރުމަންޓްސް ކުޅުމާއި ކުރެހުމަކީ ހުސް އަޒަލްގެ ހުނަކުރ ފެނިގެންދާ ކަންކަމެވެ. އަޒަލްގެ މަންމަ ފާތުމަތު ވަރްޖިނާ ފުއާދު ބުނިގޮތުގައި، އަޒަލްއަކީ ކޮންމެ ކަމަކާވެސް ވަރަށް ކެރިގެން ކުރިމަތިލާ ކުއްޖެކެވެ. އެއްފަހަރުން ކާމިޔާބު ނުވެއްޖެނަމަ، ދެންވެސް ހިތްވަރާއެކު އެކަމަކާ ކުރިމަތިލުމަކީ އަޒަލްގެ ގައިގައި އެންމެ ކުޑައިރުންސުރެން ހުންނަ އާދައެއްކަމަށެވެ.

"ވަކި މިއުޒިކް ވީމައެއް ނޫން. ކޮންމެ ކަމެއްގައިވެސް އަޒަލް އެކުރާ މަސައްކަތެއް ކުރާނީ ވަރަށް ކެރިގެން. ހިތްވަރާއެކު އެކަމަކަށް ކުރިމަތިލާނެ. ނުކުރެވުނަސް ހިތްވަރު އެލުވާނުލާ ހަމަ ކޮންމެ ފަހަރަކުވެސް އަނެއްކާވެސް މަސައްކަތް ކުރާނީ އެކަމެއް ކާމިޔާބުވޭތޯ" ވަރްޖިނާ ބުންޏެވެ.

އަޒަލްގެ މި ދަތުރުން ލިބިގަންނަންޖެހޭ އެންމެ މުހިއްމު އިބުރަތަކީ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، ކޮންމެ މީހަކަށްވެސް އެމީހަކު އެ ހާސިލުކުރަން ބޭނުންވާކަމެއް ހާސިލުވާނެކަމެވެ. ބޭނުންވަނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށް، ކެރިގެން ކޮންމެ ކަމަކާވެސް ކުރިމަތިލުމެވެ.