މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 3 - ހުރިހާ ގޮތަކުންވެސް ތަފާތު


ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވަން އައިޑަލްގެ ކާމިޔާބު 2 ސީޒަނަށްފަހު 3 ވަނަ ސީޒަންގެ ނިމުން ރޭ ފާހަގަކުރިއިރު، މިފަހަރުގެ ސީޒަންގައި ބެލުންތެރިން ހީކުރިގޮތާއި ޚިލާފަށް ގިނަ ކަންކަން ވެގެންދިޔައެވެ. އެގޮތުން އައިޑަލްގެ ގަދަ 3 ކަށަވަރުކުރީވެސް 3 އަންހެން ބައިވެރިންނެވެ. މިއީ މޯލްޑިވިއަން އައިޑަލްގެ ތާރީޚުގައިވެސް ޓޮޕް 3ގައި 3 އަންހެން ބައިވެރިން ވާދަކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައިވެސް ހުނަރުން ފުރިގެންވާ ޒުވާނުން އެބަތިއްބެވެ. ކުޅަދާނަ އާޓިސްޓުންތަކެއް ނުވަތަ ފަންނާނުންތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެބަތިއްބެވެ. ބޭނުންވީ ކުރިއަށްދާނެ ފުރުޞަތެކެވެ. އެމީހުންގެ ހުނަރު އިތުރަށް ތަރައްޤީކުރެވޭނެ މަގެކެވެ. މިކަމަށް އެދިއެދި ތިބި ޒުވާނުންނަށް މޯލްޑިވިއަން އައިޑަލް ވެގެންދިޔައީ ރަނުގެ ފުރުޞަތަކަށެވެ. އައިޑަލްގެ 3 ސީޒަން ކާމިޔާބުކަމާއެކު ނިންމާލިއިރު، ޒުވާން ކުޅަދާނަ އެތައް ފަންނާނުންތަކެއް ދިވެހި މިއުޒިކީ ދާއިރާއަށް މިވަނީ ނެރެދީފައެވެ. މިފަދަ ވަރުގަދަ ފްރެންޗައިޒެއް ރާއްޖޭގައި ބޭއްވިދާނެކަމާމެދު އެތައް ބަޔަކު ސުވާލު އުފެއްދިއެވެ. ހުދު މިއުޒިކް އިންޑަސްޓްރީގައިވެސް މަސައްކަތް ކުރާ ފަންނާނުންވެސް ސުވާލުވެސް އުފެއްދިއެވެ. ނަމަވެސް އައިޑަލްގެ ތެރެއިން ވިދާލި ބައެއް ފަންނާނުން މިއަދު ރާއްޖޭގެ މިއުޒިކީ އުދަރެހުގައި އެންމެ ކުރީގައި ފިޔަޖަހަމުންދާކަމީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ.

މޯލްޑިވިއަން އައިޑަލްގެ 3ވަނަ ސީޒަން ކުރިއަށްދިޔައީ ކުރީގެ 2 ސީޒަނާއި ޚިލާފަށް ބޮޑެތި ބަދަލުތަކާއެކުއެވެ. އެގޮތުން ޝޯވގެ ޖަޖިންގ ޕެނަލް 4 އަކަށް ބަދަލުކޮށް، ޒާރާ މުޖުތަބާ ޝޯވއާއި ގުޅުނެވެ. މިކަން ވެގެންދިޔައީ މުބާރާތުގެ ބައިވެރިންގެ މެދުގައި ވާދަވެރިކަން އިތުރުވިކަމަކަށެވެ. ސަބަބަކީ ކުރިން 2 ޖަޖުންގެ އާނބަހާއެކުވެސް ގޯލްޑަން ޓިކެޓް ޙާސިލްކުރެވުނު ނަމަވެސް، މިފަހަރުގެ ސީޒަންގައި ގޯލްޑަން ޓިކެޓް ލިބުނީ މަދުވެގެން 3 ޖަޖުން އެކަމަށް އެއްބަސްވެގެންނެވެ. ދެވަނަ ބަދަލަކަށް ފެނިގެންދިޔައީ ގޯލްޑަން މައިކެވެ. މިއީވެސް ބައިވެރިންގެ މެދުގައި އިތުރު ވާދަވެރިކަމެއް އުފެދުނު ކަމެކެވެ. ގޯލްޑަން މައިކާއެކު އެލިމިނޭޝަނަކަށް ނުގޮސް، ކުރިއަށް އޮތް ބުރަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

ކޮންމެއަކަސް ރާއްޖޭގެ އެތަން މިތަނުން ހޮވާލެވުނު ގަދަ 12 ބައިވެރިންނާއެކު ފެށި ގާލާ ރައުންޑުގެ ޝޯވތަކުން ފަހަރު ބައިވެރިއަކު ވަކިވަމުން ވަކިވަމުންގޮސް، ބައިވެރިންގެ އަދަދު 5 އަކަށް ދައްވި ހިސާބުން އަނެއްކާވެސް ބެލުންތެރިންނާއި ބައިވެރިންގެ ސަޕޯޓަރުންނަށް ބޮޑު ހައިރާންކަމެއް ލިބުނެއެވެ. ގްރޭންޑް ފިނާލޭއިން ޖާގަ ހޯދާނެ ބައިވެރިން އިޢުލާން ކުރުމަށް ބޭއްވި އެންމެ ފަހު އެލިމިނޭޝަން ޝޯވ ނިމިގެންދިޔައީ ގިނަ ބަޔަކު ހީކުރި ގޮތާއިޚިލާފަށް ގަދަ 5 ބައިވެރިންވެސް ފައިނަލިސްޓުންގެ ގޮތުގައި ގްރޭންޑް ފިނާލޭގައި ޕަރފޯމްކުރުމުގެ ފުރުޞަތު ލިބިގެންނެވެ. އައިޑަލް ފްރެންޗައިޒްގެ ޝޯވތަކަށް ބަލާލާއިރު، އާއްމުކޮށް އެކި ޤައުމުތަކުގައި ބާއްވާ މުބާރާތްތަކުގައި ގްރޭންޑް ފިނާލޭގައި ފައިނަލިސްޓުންގެ ގޮތުގައި ވާދަކުރަނީ 2 ނުވަތަ 3 ބައިވެރިންނެވެ. ފައިނަލިސްޓުންގެ ގޮތުގައި 5 ބައިވެރިން ވާދަކޮށްފައިވާއިރު މީގެ ތެރެއިން 3 ބައިވެރިންނަކީ އަންހެން ބައިވެރިންނެވެ. މިއީ އައިޑަލްގެ ތާރީޚުގައި ވަރަށް މަދުން ނޫނީ ނުފެންނަށް މަންޒަރެކެވެ.

އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް އައިޝަތު އަޒަލް ޢަލީ ޒާޙިރު ކާމިޔާބުކުރިއިރު، ދެވަނައަށް ގޮސްފައިވަނީ އައިމިނަތު ސައިނާ މުޙައްމަދު ރަޝީދެވެ. އަދި ތިންވަނައަށް ހޮވުނީ މަރިޔަމް މައިޝާއެވެ. މި 3 ބައިވެރިންވެސް އައިޑަލް ސިފަކޮށްފައިވަނީ މުޅި ދިރިއުޅުން ބަދަލުކޮށްލި ޝޯވއެއްގެ ގޮތުގައެވެ. މިއުޒިކީ ދާއިރާގެ އިތުރުން އަމިއްލަ ދިރިއުޅުމަށްވެސް ފައިދާކުރާނެ ފަދަ އެތައް ފިލާވަޅުތަކެއް ލިބިގެންދިޔަ އަގުހުރި ދަތުރެއްގެ ގޮތުގައެވެ.

އައިޑަލްގެ ގްރޭންޑް ފިނާލޭ ނައިޓުންވެސް މިދިޔަ 2 ސީޒަނާއި އަޅާބަލާއިރު ބޮޑެތި ތަފާތުތަކެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން އެ ޝޯވގައި ޕަރފޯމް ކުރި ހުރިހާ ފަންނާނުންހެން ކަހަލަ ގޮތަކަށް ހުށައަޅާދީފައިވަނީ ދިވެހި އަމިއްލަ އުފެއްދުންތަކެކެވެ. ހުނަރުވެރި ޒުވާނުންތަކެއް ރާއްޖޭގެ މިއުޒިކީ ދާއިރާއަށްނެރެ، މިދާއިރާ އިތުރަށް ތަރައްޤީކުރުމަކީ މިފަދަ ޝޯވއެއް ބޭއްވުމުގެ އެންމެ މުހިއްމު މަޤްޞަދު ކަމަށްވާއިރު، އައިޑަލްގެ 3 ސީޒަނުންވެސް މި މަޤްޞަދު ވަރަށް ރަނގަޅަށް ވަނީ ހާސިލުވެފައެވެ.

ައޒމ

ލޯބި ލޯބި އަޒަލް،،،، އައި ލަވް ޔޫ މައި ހިރޮއިން.......