ޚަބަރު

ތައިލެންޑްގެ ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ދިވެހި ފުލުހުންނަށް ތަމްރީނުގެ ފުރުޞަތު ދޭން ނިންމައިފި


ދިވެހި ފުލުހުންނަށް އެކިދާއިރާތަކުން ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ތައިލެންޑްގެ ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ދެއްވައިފިއެވެ.

އެ އެކަޑަމީން މި ޔަޤީންކަން ދެއްވާފައިވަނީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް، މި މަހުގެ 10 ން 11 އަށް ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ އަދި ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ އެކި ޑިވިޝަންތަކުގެ ޓްރެއިނިންގ މަރުކަޒުގެތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލުކުރެއްވުންތަކުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވަނީ ފޮރެންސިކާއި ކްރިމިނަލޮޖީ އާއި ލޯ އެންފޯސްމަންޓްގެ އެކި ދާއިރާތަކުން ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ހިންގާ ތަމްރީން ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ހޯއްދަވައި، ދިވެހި ފުލުހުންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެއެކަޑަމީން ހިންގާ ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކުންނާއި، މާސްޓަރސް ޕްރޮގްރާމްތަކުގައި ދިވެހި ފުލުހުންނަށް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންނާއި، ކުރިއަށްކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ފުލުހުންނަށް ބޭނުންވާ ކަމާގުޅުންހުރި ދާއިރާތަކުން ތަމްރީނުތައް ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ފުލުހުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއެވެ.

މީގެއިތުރުން ދިވެހި ފުލުހުންނާއި ތައިލެންޑްގެ ފުލުހުން ޢަމަލުކުރަމުންދާ ބެސްޓް ޕްރެކްޓިސްތައް ދެ ޤައުމުގެ ފުލުހުންގެ މެދުގައި ހިއްސާކޮށް މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން އެކްސްޗޭންޖް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުންވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވެއެވެ.

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ ޑިޖިޓަލް ފޮރެންސިކް ލެބޯޓްރީއަށާއި އޮޕަރޭޝަން ދާއިރާތަކުން ތަމްރީނުތައް ހިންގާ ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ އެކި މަރުކަޒުތަކަށް ޒިޔާރަތްކުރައްވާފައެވެ.