ޚަބަރު

އައިޖީއެމްއެޗްގެ ނަރުހުންނަށް އާ ޔުނީފޯމެއް ތަޢާރަފްކޮށްފި


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މަސައްކަތްކުރާ ނަރުހުންނަށް އާ ޔުނީފޯމެއް ތަޢާރަފްކޮށް ބޭނުންކުރަންފަށައިފިއެވެ.

އެގޮތުން ތަޢާރަފްކޮށްފައިވަނީ ދުނިޔޭގެ އެހެން ހޮސްޕިޓަލްތަކުގައި ބޭނުންކުރަމުންއަންނަ "ސްކްރަބްސް" ޔުނިފޯމެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ މި ޔުނީފޯމް ބޭނުންކުރާނީ ހަމައެކަނި ހޮސްޕިޓަލް ތެރޭގައިކަމަށެވެ. އަދި މިގޮތަށް މި ބަދަލުގެނެސްފައިވަނީ ހޮސްޕިޓަލުން ޚިދުމަތްހޯދާ ޕޭޝަންޓުންގެ ރައްކާތެރިކަމަށް ބަލައިގެންކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ. ގެއިން ޔުނިފޯމް ލައިގެން އައުމަކީ ޞިއްޙީ ޚިދުމަތްދޭ ތަނެއްގައި އެންމެ ރައްކާތެރިގޮތަކަށް ނުވާނެކަމަށާ، އަލަށް ތަޢާރަފްކުރި ޔުނީފޯމް އެއްވެސްވަރަކަށް ބޭރުތެރޭގައި ބޭނުންނުކުރެވޭނެކަމަށް އައިޖީއެމްއެޗުންބުނެއެވެ.

ޑިއުޓީގަޑީގައި ހޮސްޕިޓަލަށް އައިސް ސްކްރަބްސް ޔުނީފޯމަށް ބަދަލުކުރުމުގެ އިންތިޒާމް ހޮސްޕިޓަލްތެރެއިންވަނީ ހަމަޖައްސާފައެވެ. އަދި މިހާރު ހުރިހާ ނަރުހުންނާއި ޔުނިފޯމް ޙަވާލުކޮށް ބޭނުންކުރަން ފަށާފައިވާކަމަށާއި، މިއީ ދާއިމީ ގޮތެއްގައި ދެން އައިޖީއެމްއެޗްގައި ނަރުހުން ބޭނުންކުރާނެ ޔުނިފޯމްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗްގައި 690 ނަރުހުން މަސައްކަތްކުރަމުންދެއެވެ. މީގެތެރޭގައި ހިމެނެނީ 625އަންހެން ނަރުހުނާއި 65 ފިރިހެން ނަރުހުންނެވެ. އައިޖީއެމް ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހުންގެ 60 އިންސައްތައަކީ ދިވެހި ނަރުހުންނެވެ.

އަލީ

ހިންޏައިގެން ވެއްޓިއްޖެ