ޚަބަރު

މިއަހަރުވެސް ރަމަޟާންމަހު ދިވެހިރާއްޖޭގެ އަޑުން ދީނީ ގިނަ ޕްރޮގުރާމްތަކެއް


މި އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމުތައްވެސް ބައްޓަންކޮށްފައިވާނީ ދިވެހިންގެ ދީނީ މައުލޫމާތު މުއްސަނދިކޮށް ދީނީ ލޯބި އިތުރުކުރުމަށްކަމަށް ދިވެހިރާއްޖޭގެ އަޑުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ މެނޭޖަރ ރޭޑިއޯ ޕްރޮގްރާމް ނަސްރުﷲ އިދުރީސް ވިދާޅުވީ ރަމަޟާންމަހު ރޭޑިއޯއިން ގެނެސްދޭ ޕްރޮގްރާމުތަކުގެ 60 އިންސައްތައަކީ ދީީނީ ޕްރޮގްރާމުތަކެވެ. އެހެން އަހަރުތަކާއި އެއްގޮތަށް މި އަހަރުވެސް މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައްވެސް އަޑު އިވިގެންދާނެކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައިވެސް އަޑުން ގެނެސްދިން ބައެއް ޕްރޮގްރާމުތައް މި އަހަރުވެސް ގެނެސްދޭނެކަން ނަސްރުﷲ ފަހަގަކުރެއްވިއެވެ. އެގޮތުން ރޯދަކުރުކުރުން، ދީނީ ސުވާލު މުބާރާތް، ކުރުވާހަކަ މުބާރާތް، ކީރިތި ރަސޫލާގެ ސިޔަރަތު، ކުޑަކުދިންގެ ޤުރުއާން މުބާރާތް، އަދި ފަހިދޫ ބަހުސް މުބާރާތް ފަދަ ޕްރޮގުރާމްތައް މިއަހަރުވެސް ކުރިއަށްދާނެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާއި ދިމާކޮށް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމުތަކަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮގްރާމުތަކެކެވެ. މި އަހަރު މުޅިން އަލަށް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި، ދުނިޔަވީ އިމްތިހާން، ކައުނު، މައި ޑިއަރ ބެސްޓީ، ކައްވަޅު، ނުލިބުނަސް، ޒުވާނުންގެ މަޖިލިސް، އަދި އިސްލާމީ އަދަބުތައް ފަދަ ޕްރޮގްރާމު ހިމެނެއެވެ. މުޅި ރަމަޟާންމަހަށް ޙާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން ސިލްސިލާކޮށް 23 ފްރޮގްރާމެއް ގެނެސްދޭނެއެވެ.
މިއަހަރުވެސް އަޑުގެ ގިނަ ފްރޮގުރާމްތަކުން ބައިވެރިންނަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެކަމަށް ދިވެހިރާއްޖެގެ އަޑުން ބުނެއެވެ.