ޚަބަރު

"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުގެ ހުރިހާ ފަނޑިޔާރުން ރާއްޖެ އަތުވެއްޖެ


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލް އަޤްވާމީ ޤުރުޢާން މުބާރާތް "އައްނޫރުލް މުބީން"ގައި ފަނޑިޔާރުކަން ކުރާ ހުރިހާ ފަނޑިޔާރުން ރާއްޖެ އަތުވެއްޖެއެވެ. މި މުބާރާތުގައި ފަސް ފަނޑިޔާރުންގެ ޓީމެއް ހިމެނޭއިރު މި ޓީމުގައި ރާއްޖޭގެ އިތުރުން ދެން ތިބޭނީ ސޫދާން، ޕާކިސްތާން، މެލޭޝިޔާ، އަދި ޔަމަނުގެ ފަނޑިޔާރުންނެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނީ "އައްނޫރުލް މުބީން"ގައި ފަނޑިޔާރުކަން ކުރާ ހުރިހާ ފަނޑިޔާރުން ރާއްޖެ އައިސް ނިމިފައިވާކަމަށެވެ. މި މުބާރާތުގައި ރާއްޖެއިން ފަނޑިޔާރެއްގެ ގޮތުގައި އިންނާނީ އަލްޤާރީ އަޙްމަދު ތައުފީގުއެވެ.

"އައްނޫރުލް މުބީން" ޤުރުއާން މުބާރާތަކީ ރަޢީސުލްޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ބައިވެރިވާނެއެވެ. އޭގެތެރޭގައި އިންޑޮނޭޝިއާއި ސްރީލަންކާއާއި ޔޫއޭއީއާއި ތުރުކީވިލާތާއި މިސްރާއި ޕާކިސްތާނާއި މެލޭޝިއާ އާއި ސަޢުދީއަރަބިއްޔާއާއި ސޫދާނާއި ބަންގްލަދޭޝް ހިމެނެއެވެ. މި މުބާރާތުގައި ކޮންމެ ޤައުމަކުންވެސް ބައިވެރިވާނީ އެންމެ ބައިވެރިއެކެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ މ.ވޭވަށް ފެހިފާރުދާގެ އަޝްރަޤު ނާޒިރުއެވެ. ނާޒިރު މުބާރާތަށް ހޮވިފައިވަނީ އޮޑިޝަންގައި 8 ބައިވެރިންނާއި ވާދަކުރުމަށްފަހުއެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 އަދި ފަނަރަ މި ދެދުވަހުއެވެ. މި މުބާރާތް އިންތިޒާމް ކުރަނީ އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެންނެވެ.

މުބާރާތުން އެއްވަނައަށްދާ ފާރާތަކަށް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 ހާސް ޑޮލަރުއެވެ. ދެވަނައަށް 15 ހާސް ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު ތިންވަނައަށްދާ ފަރާތަކަށް ލިބޭނީ 5 ހާސް ޑޮލަރު ލިބޭނެއެވެ. "އައް ނޫރުލް މުބީން" މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަހުގެ ދެވަނަދުވަހުގެ ރޭ އޮންނަ އިހްޔާ ފޯރަމްގައެވެ.