ޚަބަރު

3 ވަނަ ޓީޓީއެމް ފެއަރ އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވަނީ

އަންނަ އަހަރުގެ ޓްރެވެލް ޓްރޭޑް މޯލްޑިވްސް ފެއަރ ބާއްވާނީ އެޕްރީލް މަހުގެ ތެރޭގައިކަމަށް މި އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނެފިއެވެ.

މޯލްޑިވްސް ގެޓަވޭސްއިން ބުނީ، އަންނަ އަހަރުގެ ފެއަރ ބޭއްވުމަށް ވާންޖެހޭ ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަންނަ އަހަރުގެ ފެއަރވެސް ބާއްވާނީ މާލެއާއި ރާއްޖޭގެ ބައެއް ރިސޯޓްތަކުގައިކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ. ޓީޓީއެމް ފެއަރގެ ގާލާ އޮންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހެވެ.

މޯލްޑިވްސް ގެޓަވޭސްއިން ވަނީ، މިއަހަރުގެ ޓީޓީއެމް ފެއާ، މިމަހުގެ 3 ވަނަ ދުވަހު 2 ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ. މި ފަހަރުގެ ޓީޓީއެމް ފެއަރގެ ބައްދަލުވުންތަކުގެ ތެރޭގައި ޖުމްލަ 1.7 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކާއި މެދު މަޝްވާރާކޮށްފައިވާކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެއެވެ.

މިއަހަރުގެ ފެއަރގައި 150 ރިސޯޓުން 400 ފަރާތުން ބައިވެރިވެފައިވާއިރު، 4،000 ވިޔަފާރި ބައްދަލުވުންތައް ވަނީ ބާއްވާފައެވެ. 2019 ވަނަ އަހަރުގެ ފެރއަރގައި މިއަދަދު އިތުރުކޮށް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ 20 މާކެޓުން އެޖެންޓުން ގެނައުމަށް މަސައްކަތްކުރާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރގައި މުޅިން އަލަށް ސަޕްލަޔަރ އެކްސްޕޯއެއް ބާއްވާފައިވާއިރު، އަންނަ އަހަރުވެސް މި އެކްސްޕޯ ބާއްވާނެއެވެ.