ޚަބަރު

ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ޕްރޮގްރާމްތަކެއް ފަށަނީ





 


ސޯޝަލް މީޑިއާ މެދުވެރިކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފައްޓަވާނެކަމަށް އިސްލާމިކް މިނިސްޓަރ  ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


 
އެމްބީސީ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ކޮންމެ ރަށަކަށް ދީނީ އިލްމުވެރިޔެއް ފޮނުވުމަކީ އުނދަގޫކަމެއްކަމަށާއި، އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންގެ ސުވާލުތަކަށާއި، ދީނީ ގޮތުންއެފަރާތްތަކުން އޮޅުންފިލުވަން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ސޯޝަލް މީޑިއާއިން ދިނުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އިލްމުވެރިންގެ އިންޓަވިއުތަކާއި ވާހަކަތައް ރެކޯޑްކޮށް، އެތަކެތި ވީހާ ވެސް ގިނަ ބަޔަކަށް ފެންނަ ގޮތްހަދާނެކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައި އަމަލީމަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.


 
 


މީގެއިތުރުން ބަޙްރެއިން ސަރުކާރުން ރާއްޖެއަށް ފަންސާސް ހާސް މުސްހަފް މިދިޔަ ހަފްތާގައި ހަދިޔާކޮށްފައިވާކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ. މުސްހަފް ބޭނުންވާ ސުކޫލްތަކަށާއި، ޤުރުއާން ކުލާސްތަކުގެ އިތުރުން އާންމުންނަށް އެމުސްހަފްތައް ބަހާނެކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.