ޚަބަރު

ހިރިލަންދުއާއި ކެލާގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ޖަނަރޭޓަރު ފޮނުވަނީ


  • ތ. ހިރިލަންދޫއަށް ފޮނުވަނީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް

  • ހއ. ކެލާއަށް ފޮނުވަނީ 400 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް

ތ. ހިރިލަންދޫއާއި ހއ. ކެލާގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އައު ޖަނަރޭޓަރުތަކެއް ފޮނުވަން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ތ. ހިރިލަންދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމަށް 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ފޮނުވުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ހއ. ކެލާއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަަލަ ހައްލުކުރުމަށް، 400 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް އެރަށަށްވެސް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ އެ ދެ ރަށަށް ފޮނުވުމަށް ހަމަޖެހިފައިވާ ޖަނަރޭޓަރުތައް ރާއްޖެ ގެނެސް، ކަސްޓަމުން ކްލިޔަރކޮށް އެރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ތ. ހިރިލަންދޫއާއި ހއ. ކެލާގެ އިތުރުން އެހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ، އަލަށް އިންސްޓޯލް ކުރެވޭ ޖަނަރޭޓަރުތަކާއެކު، ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި، ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ އަގުބޮޑެތި ވަޞީލަތްތައް ބަލަހައްޓަންޖެހޭ މިންވަރާ ގާތަށްވެސް ބަލަހައްޓާފައި ނުވުމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުންވަނީ ހާމަކޮށްފައެވެ. އެގޮތުން ޖަނަރޭޓަރުތައް އޯވަރހޯލް ނުކުރުމާއި، ފެންވަރުދަށް ސްޕެއަރ އެޅުވުމާއި، ރަށްރަށުގެ ކަރަންޓު ކެޕޭސިޓީއަށް ބެލުމެއްނެތި ޖަނަރޭޓަރު އިންސްޓޯލްކުރުން ފަދަ ކަންކަން ކޮށްފައިވާކަންވަނީ ފާހަގަކުރައްވާފައެވެ.

މިސަރުކާރުން މިހާރުވަނީ ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށްޓަވާފައެވެ.