ޚަބަރު

ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ: ވަޒީރު ޑރ. ޚަލީލް


  • މިއީ މުޅި ހުވަދުއަތޮޅަށް ފައިދާ ކުރާނެ މަޝްރޫޢެއް

  • ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

  • ގިނަ ޚިދުމަތްތަކެއް ތަޢާރަފު ކުރެވޭނެ

ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުތެރޭގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކަމަށާއި އެ މަސައްކަތަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށްވެސް ފައިދާވާނެ މަސައްކަތެއް ކަމަށެވެ. އެމަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ޓަރޝަރީ ހޮސްޕިޓަލް އަޅާނީ މިހާރު ހޮސްޕިޓަލް ހުރި ބިމުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ ޕްލޭނުގެ ދަށުން އަލަށް އަޅާ އިމާރާތާއެކު އީއާރުގެ ޚިދުމަތްވެސް މިހާރަށްވުރެ ރަނގަޅު ފެންވަރުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީތަކާއެކު އޮޕަރޭޝަން ތިއޭޓަރުތަކެއް ތަރައްގީ ކުރެވިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ތިނަދޫގައި ސިއްޙީ ދާއިރާ ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ވެލްނެސް ސެންޓަރެއް ހިމެނޭހެން އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރެއް ތަރައްގީ ކުރެވިގެންދާނެކަމަށްވެސް ސިއްޙަތާބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަންނަ އަހަރު ތެރޭގައި އެ ޚިދުމަތްވެސް ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބައެއް ވެންޑަރުންނާ އަޅުގަނޑު ވާނީ ވާހަކަދައްކާފައި އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތެއް ހޯދުމަށްޓަކައި. ނަމަވެސް މިކަމުގައި ގޮންޖެހުންތައް އެބަހުރި. އެއް ކަމަކީ ޖާގައިގެ ދަތިކަން. އަނެއް ކަމަކީ ދައުލަތުގެ މާލީ ހާލަތު ދަށްވުން. މިހާރު މާލީ ހާލަތުވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވަމުން އަންނައިރު އަންނަ އަހަރު ތެރޭގައި މި ޚިދުމަތް ތަޢާރަފު ކުރެވުމަކީ އެކަށީގެންވާކަމެއް،" ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ބޭސް ނުލިބުމުގެ މައްސަލައަށްވެސް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސިއްޙަތާ ބެހޭ ވަޒީރު ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރާއި ބްލަޑް ބޭންކުވެސް ހުޅުއްވައިދެއްވިއެވެ.