މިއަހަރުގެ ރަމަޞާންމަހު އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ޙަރަކާތްތައް އިފްތިތާޙްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ޙަރަކާތްތައް އިފްތިތާޙްކޮށްދެއްވީ ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިންއެވެ.
މިއަހަރުގެ ރަމަޞާންމަހުގެ ޙަރަކާތްތައް އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ޢަބްދުއްރަޝީދު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ރަމަޟާން މަހަށް ވަރަށް ގިނަ ތައްޔާރީތައް ވަމުން އަންނަ ބައެއް ކަމަށެވެ. ޒަމާނާއެކު ދިވެހިން ރަމަޟާން މަހަށް ތައްޔާރުވާގޮތްތަކަށް ބަދަލުތަކެއް އައި ނަމަވެސް ދިވެހިންގެ އާދަކާދަތަކަށް ބަދަލު އައިސްފައި ނުވާކަން ޢަބްދުއްރަޝީދު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެކަންކަން އެބަ ގެންގުޅެމޭ މިހާރުވެސް. ރޯދަ ވީއްލުމުގެ ހަމަތަކާއި ރޯދަމަހުގެ އުޞޫލުތަކާއި ރޯދައަށް އިޙްތިރާމުކުރުމާއި މިކަންކަން އަޅުގަނޑުމެން އެބަ ގެންގުޅެމޭ. އަޅުގަނޑުމެން ދިވެހިންގެ ހުންނަ އެންމެ ޚާއްސަ ކަމަކީ، ކުރީއްސުރެއްވެސް މިހުންނަ ކަމަކީ އަޅުގަނޑުމެންގެ ވަޙްދަތު. ރޯދަމަހަކީ އަޅުގަނޑުމެން ވަރަށް ޚާއްސަ ގޮތެއްގައި ސަމާލުކަންދޭ މަހެއް. އަޅުގަނޑުމެން ކިތަންމެ ނިކަމެތި ނަމަވެސް ރޯދަމަކީ އަޅުގަނޑުމެން އެކަކު އަނެކަކަށް ވަކިން އަޅާލާ މަހެއްކަން އަޅުގަނޑު ފާހަގަކުރަން،" ޢަބްދުއްރަޝީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ ރަމަޟާންމަހުގެ އިމްސާކާއި ފާއިތުވި ހަތަރު އަހަރު ދުވަހު އިސްލާމިކް މިނިސްޓްރީން ޙާޞިލްކޮށްފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއްވެސް ނެރެފައެވެ.