ޚަބަރު

"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސް އަކީ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައިދޭ ފުރަތަމަ އެވޯޑެވެ. މި އެވޯޑް އިންތިޒާމްކުރަނީ ބުލޭޒަން އިންކްގެ ފަރާތުންނެވެ.

ޓީވީއެމްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެއްބަސްވުމުގައި ސޮއެކުރެއްވީ، ޕީއެސްއެމްގެ ޑެޕިއުޑީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފްއާއި، ބުލޭޒަން އިންކްގެ ޗީފް އެކްޒެކްޓިވް އޮފިސަރ ޙަސަން ޢަބްދުﷲ ހިލްމީއެވެ.

މިރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ބުލޭޒަން އިންކްގެ ފަރާތުން މިކުރާ މަސައްކަތަކީ ވަރަށް އަގުހުރި، ޤައުމީ މަސައްކަތެއްކަމަށެވެ. އަދި މި އިވެންޓަކީ ފުރިހަމަ ކާމިޔާބު އިވެންޓަކަށް ހެދުމަށް ޕީއެސްއެމުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަންވެސް އިކްރާމް އިކްރާމް ވަނީ ދެއްވާފައެވެ.

"މި އެވޯޑު ބުލޭޒަންގެ ފަރާތުން އިންތިޒާމްކުރައްވާ، މިކަން ކުރައްވަމުން ގެންދަވާތީވެ ޕަބްލިކް ސަރވިސް މީޑިއާގެ އެންމެ ބޮޑު ބޭނުމަކަށްވީ އަދި މަޤްޞަދަކަށްވީ އެބޭފުޅުންގެ އެ މަސައްކަތްޕުޅު ވީހާވެސް ބޮޑަކަށް ޕްރޮމޯޓްކޮށްދިނުމާ، މީ ވީހާވެސް ފުރިހަމަ މަސައްކަތެއްގެ ގޮތުގައި، އަދި މީޑިއާއަށް ވީހާވެސް ގިނަ ރައްޔިތުންގެ މަޤްބޫލުކަންލިބޭ އިވެންޓެއްގެ ގޮތުގައި މިކަން ގެނެސްދިނުން. އެހެންވީމަ އިރާދަކުރެއްވިއްޔާ މުޅި މިއިވެންޓް އަޅުގަނޑުމެން ލައިވް ކުރާނަން. އެއާއިއެކު ޙަބަރުތަކުން މި އިވެންޓަށްޓަކާ ވަމުންއަންނަ ތައްޔާރީތަކާއި އަދި ކުރަމުންއަންނަ މަސައްކަތްތައް އަޅުގަނޑުމެން ގެނެސްދޭނަން." މުޙައްމަދު އިކްރާމް އަބްދުއް ލަތީފް ވިދާޅުވިއެވެ.

ބުލޭޒަން އިންކުގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޙަސަން ޢަބްދުއްﷲ ހިލްމީ ވިދާޅުވީ، މިއީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ އިވެންޓަށްވާއިރު، މި އެވޯޑު ދިނުމުގައި ރާއްޖޭގެ ވިޔަފާރީގެ ސިނާއަތުގެ ހުރިހާ ދާއިރާތަކެއް ހިމެނޭނެކަމަށެވެ.

"ބްލޭޒަންގެ ފަރާތުން އިސްނަގައިގެން މިބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސް އަކީ ރާއްޖޭގައި މިގޮތަށް ބޭއްވޭ އެންމެ ފުރަތަމަ އެވޯޑު، ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ސިނާއަތްތަކަށް އަމާޒުކޮށްގެން. އަދި މިއެވޯޑު ވެގެންދާނީ ރާއްޖޭގައި ބޭއްވޭނެ އެންމެ ޝަރަފްވެރި ވިޔަފާރި އެވޯޑްގެ ގޮތުގައި." ޙަސަން ޢަބްދުއްﷲ ހިލްމީ ވިދާޅުވިއެވެ.

"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު މި އެވޯޑް ރަސްމީކޮށް ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުކަމަށް ބްލޭޒަން އިންކް އިން މަޢުލޫމާތުދެއެވެ.