މަހަލް ޖަމިއްޔާއިން ކުޑަކުދިންނަށް ޙާއްޞަ ކޮށްގެން "ލަފުޒު ހޯދަމާ"ގެ ނަމުގައި ފޮތެއް ނެރެފިއެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން ނެރުނު މި ފޮތަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭ، ދިވެހިންގެ ތެރޭގައި އާއްމުކޮށް ބޭނުން ނުކުރާ ދިވެހި ބަސްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ގޭމްފޮތެކެވެ. "ލަފްޒް ހޯދަމާ" ފޮތް ނެރެދެއްވީ ދިވެހި ބަހަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި ބަހުގެ އަދީބެއްކަމަށްވާ ޢަބްދުﷲ ސޯދިޤްއެވެ. ފޮތް ނެރެދެއްވުމަށްފަހު ޢަބްދުއްﷲ ސޯދިޤް ވިދާޅުވީ މި ޒަމާނަކީ ހަމައެކަނި ލިޔެފައިވާ ފޮތަކުން އެއްޗެހި ދަސްކުުރުމުގެ ބަދަލުގައި، ކުޅިވަރާ މަޖަލުގެ ތެރެއިން ކުދިން ކަންކަން އުނގެނޭ ޒަމާނެއްކަމަށެވެ. އެގޮތުން މި ފޮތް ތައްޔާރުކުރުމުގައި ވަރަށް ބޮޑަށް މިކަމަށް އިސްކަން ދީފައިވާކަމަށާއި، މިފަދަ ފޮތްތައް ތަޢާރަފްވެގެންދިއުމަކީ ދިވެހިބަސް ދިރުވާ އާލާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ.
މިފޮތް ނެރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މި ފޮތަކީ ދިވެހި ބަހާއި ވަރަށް ބޮޑަށް ގުޅުންހުރި ފޮތަކަށް ވުމާއިއެކު، މި ފޮތުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް އެކެޑަމީއިން ވަރަށް ގާތުން ބަލާފައިވާކަމަށާއި ބަހުގެ ގޮތުން ދޭންޖެހޭ ލަފާތައް ދީފައިވާކަމަށެވެ. އަދި މިފަދަ ފޮތްތަކުގެ ސަބަބުން ކުދިންގެ ހިތުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުވެ ބަސްކޮށާރު މުއްސަންދިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މަހަލްއަކީ ދިވެހި އަރޓިސްޓުންތަކެއް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ނެރުނު ފޮތާއި ގުޅޭގޮތުން ޖަމިއްޔާގެ ރައީސް ޢަބްދުﷲ ބިޝާރު ވިދާޅުވީ މިފަދަ ފޮތެއް ނެރުމަށް އެ ޖަމިއްޔާއިން ނިންމީ ދިވެހި ބަހުގެ މުއްސަނދިކަން ތުއްތު ކުދިންނަށް އަންގައިދީ، އަންނަން އޮތް ޖީލުތަކަށް ދިވެހިބަހުގައި ފޮރުވިފައިހުރި ލަފުޒުތައް ބުނެދިނުމަށްކަމަށެވެ.
މަހަލްދީބް ޖަމިއްޔާއިން ބުނީ ކޮމިކް ފޮތެއް ނެރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި، އަދި ދިވެހިންގެ އިހުގެ ދިރިއުޅުމާއި، މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ޑޮކިއުމަންޓްރީ ތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.