ރިޕޯޓް

ވާދަވެރި މާޙައުލެއްގައި ކުޑަކުދިންގެ ބްރޯޑްކާސްޓިން ދުވަހެއް ފާހަގަކުރުމަކީ އަމާޒެއް - އިކްރާމް


ސްކޫލްތަކާ ގުޅިގެން ވާދަވެރި މާޙައުލެއްގައި ކުޑަކުދިންގެ ބްރޯޑްކާސްޓިން ދުވަހެއް ފާހަގަކުރުމަކީ ޕީއެސްއެމްގެ އަމާޒެއްކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް މެއިމަހުގެ ދިހަވަނަ ދުވަސް ޕީއެސްއެމްއިން ފާހަގަކުރަނީ ކުދަކުދިންގެ ބްރޯޑް ކާސްޓިން ދުވަހުގެ ގޮތުގައިކުދަކުދިންގެ ބްރޯޑްކާސްޓް ކުރުމުގެ ދުވަސް ފާހަގަކުރަނީ ރާއްޖެއާއި ދުނިޔޭގައި މީޑިއާގެ ދައުރު ފުޅާވެ ކުރިއަރާއިރު އޭގެ ރަނގަޅު އަސަރުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ވެއްޓަކީ ކުޑަކުދިންނާ ރައްޓެހި ވެއްޓަކަށް ހެދުމަށެވެ.

ބްރޯޑްކާސްޓްކުރުމަކީ ރާއްޖޭގައި ފުޅާވެ ތަރައްޤީވަމުން އަންނަ ކަމަކަށްވުމުން ރާއްޖޭގެ ކުރިޔަށް އޮތް ޖީލުތަކުގައި ބްރޯޑްކާސްޓްކުރުމުގެ މަސައްކަތްތަކަށް ފަރިތަ އަދި އެކަން ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ ވިސްނުން ހުރި ބަޔަކު ތިބުމަށް މަގުފަހިކުރުމަކީވެސްމި ދުވަސް ޕީއެސްއެމުން ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.

ނަވާރަސަތޭކަ ނުވަދިހަ ދެއަކުން ފެށިގެން އެތައް އަހަރެއްވަންދެން ޓީވީ މޯލްޑިވްސްއާއި ދިވެހިރާޖޭގެ އަޑުން ބައިނަލްއަޤުވާމީ ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރިއެވެ. އެހެންނަމަވެސް މިކަން މެދުކެނޑިފައި އޮތުމަށްފަހު ޕަބްލިކް ސަރވިސް މިޑިއާއިންވަނީ 2016 ވަނަ އަހަރު އަލުން މިދުވަސް ފާހަގަކުރަން ފަށާ ކޮންމެ އަހަރެއްގެ މެއިމަހުގެ 10 ވަނަ ދުވަހު ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ފާހަގަކުރާއިރު މި ދުވަހު ދިވެހިރާއްޖޭގެއަޑާއި ޓީވީއެމްގެ ޚަބަރާއި ޕްރޮގްރާމްތައް މައިގަނޑު ގޮތެއްގައި ބިނާކުރެވޭނީ ކުޑަކުދިންނާ ގުޅުންހުރި ވާހަކަތަކުގެ މައްޗަށެވެ.

މީގެ އިތުރުން ޕީއެސްއެމްގެ ދުވާލުގަޑިތަކުގެ ޚަބަރު ގެނެސްދިނުމާއި ތަފާތު ޕްރޮގްރާމްތައް ގެނެސްދިނުމަށްވެސް މުހިންމު ދައުރެއް އަދާކުރަނީވެސް ކުޑަކުދިންނެވެ. އަދި ޚަބަރާއި ރިޕޯޓްތައް ތައްޔާރުކުރުމުގައިވެސް ކުޑަކުދިންގެ މުހިންމު ދައުރެއް ފެނިގެން އަދި އިވިގެންދެއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދަޅުވީ ޕީއެސްއެމްގެ އަމާޒަކީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދުރާލާ ސްކޫލްތަކާ ވާހަކަދައއްކައިގެން ތަފާތު ޕްރޮގްރާމްތައް އުފައްދާ ވާދަވެރި މާހައުލެއްކަން މި ދުވަސް ފާހަގަކުރުންކަމަށެވެ. އަދި އެދުވަހަށް ތަފާތު މުބާރާތްތައް ކުރިއަށްގެންގޮސް މުބާރާތްތަކުން ވަނަވަނަ އަށް އަންނަ ދަރިވަރުންނަށް ޢިނާމް ލިބޭނެ ގޮތަކަށްކަމަށްވެސް އިކްރާމްވިދާޅުވިއެވެ.

ރާއްޖޭގައި ކުރިންވެސް ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކޮށްފައިވެއެވެ. މި ދުވަސް އޭރު ފާހަގަކުރީ އދ.ގެ ކުޑަކުދިންނާބެހޭ ޖަމްޢިއްޔާއިން ނިންމި ނިންމުމަކާ ގުޅިގެން ނަވާރަސަތޭކަ ނުވަދިހަ ދޭއްގައެވެ. އެ ދުވަސްވަރު، ރާއްޖެވެސް ހިމެނޭގޮތުން ސަތޭކަ ބާރަ ޤައުމަކުން އެއްހާހަށްވުރެ ގިނަ ޓީވީ އަދި ރޭޑިއޯ ސްޓޭޝަނުން މި ދުވަސް ފާހަގަކޮށްފައިވެއެވެ.

މި ދުވަސް ފާހަގަކުރުމަށް އދ.އިން ކަނޑައެޅީ، ބްރޯޑްކާސްޓަރުންނަކީ ކުޑަކުދިންގެ ޙާލަތު ރަނގަޅުކޮށް ތަޢުލީމާއި އެކުދިންގެ މުނިއުފަލަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ފަރާތްތަކެއް ކަމަށް އެޖަމްޢިއްޔާ ޤަބޫލުކުރާތީއެވެ. އަދި ކުޑަކުދިންގެ ބޭނުންތައް ބޮޑެތި މީހުންނަށް މީޑިއާ މެދުވެރިކޮށް ބުނުމުގެ ފުރުޞަތު ކުޑަކުދިންނަށް ލިބިދިނުމަށްޓަކައެވެ. އޭރު މި ދުވަސް ފާހަގަކުރީ ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.