ޚަބަރު

ޢަބްދުﷲ ސަޢީދާއި ޢަލީ ހަމީދު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި


ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ކުށްސާބިތުވެ އުއްތަމަ ފަނޑިޔާރާއި އަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ހަމީދު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ. ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށީގެން މިިދިޔަ ފެބްރުއަރީމަހުގެ ނިޔަލަށް ވަކިގޮތަކަށް ހުކުމްތައް ނެރުމަށް އެހެން ކޯޓްތަކުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވާކަމަށެވެ.

މި މައްސަލަ ނިންމާ މިއަދު ހުކުމް އިއްވިއިރު އެ އަދަބުވަނީ އެ ކުށަށް ޤާނޫނުލް އުގޫބާތުގައި އޮންނަ އަދަބުގެ އަސާސީ މިންގަޑަށްވުރެ ހަތަރު ގުނަ ބޮޑުކޮށެވެ. މި ކުށުގެ އަދަބުގެ އަސާސީ މިންގަޑާކީ ނުވަމަހާއި 18 ދުވަހަށް ޖަލަށްލުމަށެވެ. ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ކުށުގެ އަދަބުގެ ދަރަޖަ މަތިކުރީ އަބްދުﷲ ސައީދާއި އަލީ ހަމީދު އެންމެ މަތީކޯޓްގެ ދެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވައިގެން ނުފޫޒު ފޯރުވާފައިވަނީ އާޢްމު މަސްލަހަތާއި ގުޅުން ހުރި މައްސަލަތަކަށްކަމަށެވެ. އެ އަމަލުގެ ސަބަބުން ދައުލަތުގެ މުއައްސަަސާތަކަށް އޮތް އިތުބާރު ކުޑަވެގެންގޮސްފައިވާކަމަށެވެ. އަދި އެފަދަ އަމަލު ތަކަކީ ގާނޫނުލް އުގޫބާތުގައި އޮތް ގޮތުން އަދަބުގެ ދަރަޖަ އެންމެ މަތި ކުރެވޭނެ ކުށްތައްކަމަށްވެސް މައްސަލަ ބެއްލެވި ގާޒީ ހުކުމްގައިވެއެވެ.

މި މައްސަލަ ނިންމާ މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ވަކިގޮތަކަށް ހުކުމްތައް ނެރުމަށް އަބްދުﷲ ސައީދާއި އަލީ ހަމީދު ދަށުކޯޓްތަކުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ދައުލަތުގެ ލިޔެކިޔުންތައް ބަދަލު ކުރުމަށް ޤާއިމުކޮށްފައިވާ ނެޓްވޯކް، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހުއްޓުވި މައްސަލަ ސާބިތުވެ ޢަބްދުﷲ ސައީދު 4 މަހާއި 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން މިދިޔަ ބުދަދުވަހު ވަނީ ހުކުމްކޮށްފައެވެ. ފަނޑިޔާރުންގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއް ނިހާއީ ޙުކުމެއްކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެއެވެ. ނިހާއީ ނިންމުމަކަށް ވަނީ އެންމެ މަތީ ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމުމުންނެވެ.

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދަށު ކޯޓަކުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 10 ދުވަހެވެ. އަދި އެ މަައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓުން އެ މައްސަލަ ނިންމަންވާނެކަމަށްވެސް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުގައިވެއެވެ.

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 10 ދުވަހެވެ. އަދި އެ މަައްސަލަ ސުޕުރީމް ކޯޓުގައި އިސްތިއުނާފުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކޯޓުންވެސް އެ މައްސަލަ ނިންމައި ޙުކުމް އިއްވަންޖެހެއެވެ.