ޚަބަރު

ރައީސްގެ އަނބިކަނބަލުން ރައްޔިތުންގެ ގާތަށް


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ރައްޔިތުންގެ ގާތަށްކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން މާލޭގެ އަވަށްތަކުގެ ތެރެއިން ގަލޮޅާއި ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ޙާލު ބައްލަވާލައްވައިފިއެވެ.

"އެންމެ ގާތުން ކެމްޕެއިން"ގެ ދަށުން ކުރިއަށްގެންދާ މިޙަރަކާތުގައި ރައީސްގެ އަނބިކަނބަލުންވަނީ ގަލޮޅުގެ ބައެއް ގޭބީސީތަކަށް ޒިޔާރަތްކުރައްވައި ޢާއިލާތަކާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ.

މި ކެމްޕެއިންގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާވެސް އެކަމަނާވަނީ ބައްދަލުކުރައްވާފައ އަދި ހެންވޭރުގެ ބައެއް ގޭބިސީތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައި ޞަދަގާތު ފައުންޑޭޝަންގެ ފަރާތުން ވަނީ ހަދިޔާވެސް ބަހާފައެވެ. މިފައުންޑޭޝަނަކީ ރައީސްގެ އަނބިކަނބަލުން ހިންގަވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އެންމެގާތުން ކެމްޕެއިނުގެދަށުން އެކަމަނާ އަންނަނީ މާލޭގެ އެކި އަވަށްތަކުގެ އިތުރުން އަތޮޅުތަކަށްވެސް ޒިޔާރަތްކުރައްވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ފުވައްމުލަކަށް ވަޑައިގެން ގިނަ ޢަދަދެއެގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

"އެންމެ ގާތުން ކެމްޕެއިން"ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރިއަށްގެންދަވާ ޙަރަކާތްތަކުގެ ތެރޭގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންނާއި މީހުންނާއި އެމީހުންގެ ޢާއިލާތަކާއި، އިސްރައްވެހިންނާއި، ކަނބަލުންނާއި ޒުވާނުންނާ ބައްދަލުކުރައްވައި އެމީހުންގެ ޙާލު ބައްލަވަމުންދާކަން ފާހަގަކުރެވެއެވެ. މި ބައްދަލުކުރެއްވުންތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.