ޚަބަރު

ސަންޢާގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހަމަލާދީފި


އަރަބި ކޯލިޝަންގެ މަތިންދާބޯޓުތަކުން ޔަމަނުގެ ވެރިރަށް ސަންޢާގައި ހުންނަ ރިޔާސީ ގަނޑުވަރަށް ޙަމަލާދީފިއެވެ.

ޔަމަންގެ ޙޫޘީ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ރިޔާސީ ގަނޑުވަރަށް ހަމަލާ ދިނީ އެކޯލިޝަންގައި ހިމެނޭ ސައޫދީ ފައިޓަރ ޖެޓްތަކަކުން ކަމަށާއި، ރިޔާސީ ގަނޑުވަރު ބޭނުންކުރަނީ އިދާރީ އޮފީހެއްގެ ގޮތުގައި ކަމަށް ހޫޘީން ބުނެއެވެ.

މި ހަމަލާތައް ދީފައިވަނީ ޙޫޘީން ސައޫދީއަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. ސައޫދީ ސިފައިން ބުނީ އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުން ޙޫޘީންގެ މިސައިލްތައް ވައްޓާލާފައިވާކަމަށެވެ.

ޢަރަބި ކޯލިޝަނުން ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ ރައީސް އަބްދުރައްބު މަންސޫރު ހާދީ އަލުން އަނބުރައި ޔަމަންގެ ވެރިކަމަށް ރުޖޫއަކުރުމުގެ މަޤުޞަދުގައި، 2015 ވަނަ އަހަރުގައެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް ވިހި ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.