ޚަބަރު

ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިންނަށް ޚާއްޞަ ދުރުމީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިންނަށް ޚާއްޞަ ދުރުމީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދޫކުރާ "އިމޭޖް ސްޓެބިލައިޒަރ" ނުވަތަ މި ދުރުމީއަކީ، ދުރުން ބަލާ މަންޒަރުތައް ފުސްކަން ކުޑަކޮށް، ވަރަށް ސާފުކޮށް ބެލުމަށް މަގުފަހިކޮށްދޭ ދުރުމީއެކެވެ. ފިޝަރީޒް މިނިސްޓްރީއިން މިފަދަ ދުރުމީއެއް މަސްވެރިންނަށް ދޭން ނިންމީ މަސްވެރިކަމުގެ ދާއިރާގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރުއެޅުމާއި، ކަނޑުމަހުގެ މަސްވެރިކަމުގައި ކަނދުފަތިންކުރާ މަސްވެރިކަމުގެ ބަދަލުގައި ކަނޑުހިނގާ އައިނުން މަސްވެރިކަންކުރުމަށް މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުތަކަށް މި ދުރުމީ ހިލޭ ދިނުމަށް ނިންމާފައިވާއިރު، މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި 100 ދުރުމީ ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ދުރުމީ ދޫކުރުމަށް ހަމަޖެހިފައިވަނީ ކަނޑުމަހުގެ މަސްވެރިކަމުގެ ތެރެއިން އަތު ނަނުގެ ބޮޑު ކަންނެލީގެ މަސްވެރިކަމާއި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް އުޅަނދުތަކުން އެދޭނަމަ، ދުރުމީ ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީއިން ކަނޑައަޅާފައިވާ ޝަރުތުތަކަށް ބަލާ ޝަރުތު ހަމަވާފަރާތްތަކަށް އިސްކަންދޭ އުސޫލުންނެވެ.

ދުރުމި ބޭނުންވާ އުޅަނދުތަކުގެ ވެރިފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދޭ ފޯމް މިނިސްޓްރީއަށް ހުށައެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. ފޯމް މިިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.