ޚަބަރު

އިންތިޚާބުގެ ކާމިޔާބީ އަކީ އިސްރާއީލުގެ މައްޗަށް ހޯދުނު ނަޞްރެއް- ހިޒްބުﷲ


ލުބްނާނުގެ ބަރުލަމާނީ އިންތިޚާބުގައި ހިޒްބުﷲ އާއި އެ ޖަމާއަތާ ގުޅިފައިވާ ޕާޓީތަކަށް ލިބުނު ކާމިޔާބީއަކީ އިސްރާއީލާއި އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކުގެ މައްޗަށް ލިބުނު ސިޔާސީ އަދި މަޢުނަވީ ނަޞްރެއްގެ ގޮތުގައި އެ ޖަމާއަތުން ސިފަކޮށްފިއެވެ.

ހިޒްބުﷲ ގެ އަމީންއާންމު ހަސަން ނަސްރުﷲ ވިދާޅުވީ، ލުބްނާނުގެ ޤާނޫނު ހަދާ މަޖިލީހިގެ އަޣުލަބިއްޔަތު ހިޒްބުﷲ އަށް ލިބުމަކީ، އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ މުޖާހިދުންނަށް ލިބުނު ނަޞްރެއްކަމަށާ މިއީ އިސްރާއީލާއި އިސްރާއީލުގެ ބައިވެރިން ކަންބޮޑުވާނެކަމެއްކަމަށެވެ.

ލުބްނާނުގެ ބަރުލަމާނީ އިންތިޚާބުގެ ވޯޓުގެ އަށްޑިހަ އިންސައްތަ މިހާރު ގުނާފައިވާއިރު، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ވަނީ ހިޒްބުﷲ އާއި އެ ޖަމާޢަތާ ގުޅިފައިވާ ޕާޓީތަކުން ހޯދާފައެވެ. މިއީ އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަށް ލުބްނާނުގެ ރައްޔިތުންގެ ތާއީދު އޮތް މިންވަރު ހާމަކޮށްދިން ކަމެއްކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

ދެކުނު ލުބްނާނުގެ ބޮޑުބައަކަށް އިސްރާއީލުން ގަދަބާރުން ވެރިވެގެންފައި ވަނިކޮށް އެ ސަރަހައްދުން ފައިބަން އިސްރާއީލަށް މަޖްބޫރުވީ ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށް ހިންގި ޖިހާދުގެ ހަރަކާތްތަކުގެ ސަބަބުންނެވެ. މިހާރު އިސްރާއީލުގެ އަތްދަށުގައިވާ ލުބްނާނުގެ ކުޑަ ސަރަހައްދެއްކަމަށްވާ ޝަބްޢާ އިން ނުފައިބައިފިނަމަ އިސްރާއީލާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަންޖެހިދާނެކަމުގެ އިންޒާރު ހިޒްބުﷲ އިން ވަނީ ދީފައެވެ.